ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ރާއްޖޭން ބޭރުގެ އެކި ކުންފުނިތަކުން މޭވާއާއި ތަރުކާރީ އެތެރެކޮށް، މަންފާ ހޯދި މައްސަލައިގައި މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ މއ. ހަނީސަކްލް-1، 37 އަހަރުގެ ޙުސައިން ޝިފާޢުގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޝިފާއުގެ މައްޗަށް 23 ދައުވާއެއް ކުރުމަށް މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހިރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.

ޕީޖީ އޮފީހުން ޝިފާއުގެ މައްޗަށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވާ ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް ޝިފާއަށް އަންނާނެއެވެ.

ޝިފާޢު މިކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށެވެ. އެގޮތުން ޝިފާއު މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އައްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ކަމަށްވެސް ޕީޖީއިން ބުނެފައިވެއެވެ.

މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށްވެސް ޕީޖީ އިން ބުނެފައިވެއެވެ.