ޗާގޮސް މައްސަލައިގައި ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށް ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަންފުޅުގައި ނޫނީ ރައީސްގެ ވަޒީރުން ފަދަ ބޭފުޅެއްގެ ނަންފުޅުގައި މޮރިޝަސް ނުވަތަ އެހެންވެސް ބައިނަލްއަގްވާމީ އެއްވެސް ފަރާތަކަށް އެއްވެސް ލިޔުމެއް ސިޓީފުޅެއް ފޮނުއްވާފައިވާނަމަ އެ ސިޓީ ބާތިލުކޮށްދިނުމަށް އެދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ހ. ދޮންޖޭމުގޭ/ އުމަރު ނަސީރު، ޖަންކަރު/ މުހައްމަދު މުސްތާގު އަދި ލ. ކާނަލް (ރޓޑ) ޒުބައިރު އަހްމަދު މަނިކު މި ތިން ބޭފުޅުންގެ ނަމުގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގާ ބުނެފައިވަނީ ޗާގޮސް މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލަ އިޓްލޮސްއިން ބަލަމުން ގެންދާއިރު އެ މައްސަލައިގާ ޗާގޮސް މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސް އަށް ކަމަށް ގަބޫލުކުރުން ކަމަށް ބުނެ، ރައީސް ގެ ފަރާތުން އެއްވެސް ރަސްމީ ލިޔުމެއް ފޮނުއްވާފައިވާ ކަމަށްވާނަމަ އެ ލިޔުމަކީ ގާނޫނު އަސާސީއާ ހިލާފަށް ޣައިރު ދުސްތޫރީ އަދި ޢައިރު ގާނޫނީ ގޮތުގައި ފޮނުވާފައިވާ ލިޔުމެއްކަމުގައި ވާނޭކަން ކަށަވަރުކަމާއެކު އެނގޭ ކަމަށެވެ.

ގިނަ ކަންތައްތަކެއް ފާހަގަކޮށް ހުށަހަޅާފައިވާ ދުސްތޫރީ އެ މައްސަލައިގައި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މާއްދާތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ، ޤާނޫނުއަސާސީގެ 106 ވަނަ މާއްދާ، އަދި 115ވަނަ މާއްދާއަށްވެސް އަލިއަޅުވާލައި ތަފުސީލީ ނަޒަރަކުން ބަލާފައިވެއެވެ. އެގޮތުން މިމާއްދާތަކުގައިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުން ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ހުވާގައިވެސްވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާއަށް ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރުތައް ބޭނުން ކުރެވޭނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތް ވާ ގޮތުގެ މަތީންކަމަށް އަދި ދިވެހިރާއްޖޭގެ ސަރަޙައްދާ ބެހޭގޮތުން އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައި ނުވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ ބާކީ އޮތް 300 މާއްދާ ކިޔައި ބަލާ އިރު، އެއިން މާއްދާއެއްގައި ވެސް އެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައެއް ނެތް ކަމަށާއި ޤާނޫނުތަކަށް ބަލާ އިރު، ޤާނޫނެއްގައި ވެސް އެ ބާރު ރައީސުލްޖުމްހޫރިއްޔާއަކަށް ދީފައި ނުވާކަމަށެވެ.

ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ފާސްކޮށްގެންކަމަށް ވީ ނަމަވެސް، މަޖިލީހުގެ ރުހުން ހޯދާފައި ނެތުމާއި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރެއް ރައީސަށް ގާނޫނުއަސާސީން ދީފައި ނެތުމާއި ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ނިންމި ނިންމުން އާންމުންނަށް ސިއްރުކޮށްފައި ވުމުގެ އިތުރުން ރައީސް އަދި ސަރުކާރުން އަމަލުކޮށްފައި ވަނީ ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ގެއްލޭ ގޮތަށްކަމަށްވުމުގެ އިތުރުން ދިވެހި ދައުލަތުގެ ސިޔާދަތަށް އިހްތިރާމް ގެއްލޭ ފަދަ ގޮތަށް ޗާގޯސް ރަށްތަކަކީ ޖިއޮލޮޖިކަލް ގޮތުން ބަލާއިރު، ރާއްޖެ އަށް ނިސްބަތްވާ ތަނަކަށް ވުމާއި، އެ ތަނާ އެންމެ ކައިރި ގައުމަކީ ރާއްޖެ އަށް ވުމާއި، ރާއްޖޭގެ ރަސްކަމުން މީގެ ކުރިން އެތައް އަހަރެއްގެ ކުރިން އެކަން ބަޔާންކޮށްފައި ވުން

އެހެންކަމުން، ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ޙައްޤު ވާ ކަނޑުގެ ސަރަޙައްދުން ބައެއް އުނި ވެގެން ދާނޭ ގޮތަށް، ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ދިވެހީންނަށް ލިބޭ އެއްވެސް ޙައްޤަކަށް، ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދިވެހީން ފައިދާ އާއި މަންފާ ލިބިގަންނަ ލިބިގަތުމަށް އެއްވެސް ނުގުސާނެއް ނުވަތަ އުނިކަމެއް އަންނާނޭ ފަދަ ނިންމުމެއް ނިންމައި، އެފަދަ ނިންމުމެއް ރަސްމީކޮށް ވިޔަސް އަދި ނުރަސްމީކޮށް ވިޔަސް، އަނގަބަހުން ވިޔަސް އަދި ލިޔުމަކުން ވިޔަސް، އަންގައިހެދުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް ބާރެއް ނޫން ކަމަށެވެ.

މިފަދަ އެތައް ނުކުތާތަކެއް ހިމަނައި ހުށަަޅާފައިވާ ދުސްތޫރީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމެއް ކުރެއްވުމުގެ ކުރީން، ފޯޅަވައްސާ ގުޅޭގޮތުން އެއްވެސް ޙައިޘިއްޔަތަކުން އެއްވެސް ތަނެއްގައި އަދި އެއްވެސް ގޮތެއްގައި ދިވެހި ދައުލަތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އިޓްލޮސްގައި މޮރިޝަސްގެ ދަޢުވާއަށް މުޠުލަޤު ގޮތެއްގައި އިޢުތިރާޟު ކޮށް، ދިވެހިރާއްޖެއިން ފޯޅަވައްސާ މެދު ކުރާ ދަޢުވާތައް ހުށައަޅައި އެ ދަޢުވާތަކާ މެދު ގޮތެއް ނިންމުމުގެ ކުރީން މޮރިޝަސްގެ ދަޢުވާއާ ބެހޭ އެއްވެސް ނިންމުމެއް ނިންމުމަށް ދިވެހިރާއްޖެ އެއްބަސް ނުވާނޭކަން ބަޔާން ކުރުން ފިޔަވައި އެހެން އެއްވެސް މައުޤިފެއް ނުނެގުމަށް ދައުލަތުގެ މައްޗަށް އަންގަވައި ވަގުތީ އަމުރެއް ނެރެދެއްވުމަށާއި މައުޟޫޢީ ގޮތުން މައްސަލަ ބައްލަވައި އަންނަނިވި ގޮތަށް ނިންމަވައިދެއްވުމަށް އެދިފައިވެއެވެ.

  • ރައީސް އިބްރާހިމް ސާލިހު ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް، ސޮއިކޮށް ފޮނުއްވެވި ލިޔުން ހާމަ ކުރުމަށް އަމުރު ކޮށްދެއްވައި އެލިޔުމަކީ ޤާނޫނުއަސާސީއާ ޚިލާފު އަދި ޣައިރުދުސްތޫރީ ލިޔުމެއްކަމުން ބާޠިލު ލިޔުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި އެ ލިޔުމާ ގުޅިގެން ކުރެވިފައި ވާ ހުރިހައި މުޢާމަލާތުތަކާއި ހިންގައިފައި ވާ އެންމެހައި މުއާޞަލާތުތަކާއި އިޖުރާއާތުތައް ބާޠިލު ކަމުގައި ކަނޑައަޅުއްވައިދެއްވައި އެ ލިޔުމާ އެއްގޮތް ވާ ގޮތުގެ މަތީން، އަދި/ނުވަތަ ފޯޅަވައްސާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ލިބިގެންވާ މަތީގައި ދެންނެވި ޙައްޤުތަކަށް އުނިކަމެއް އަތުވެދާނޭ ފަދައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ މެންބަރެއް ކަމުގައި ވާ އޭނާގެ އެޓަރނީ ޖެނެރަލް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ހިންގައިފައި ވާ އެންމެހައި މުޢާމަލާތުތަކާއި ކޮންފައިވާ އެންމެހައި ކަންކަން ވެސް ބާޠިލު ކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައިވެއެވެ.
  • އަދި މި މައްސަލައާ ގުޅިގެން އިތުރު އެއްވެސް ކަމެއް ދިވެހި ދައުލަތުގެ ފަރާތުން ކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް ކަމާބެހޭ ހުރިހައި ޙަޤީޤަތްތަކެއް ހުރިހައި ލިޔެކިޔުމަކާ އެކު ހުށައަޅައި، އެ މަޖިލިހުން ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ކުރުމެއްގެ މައްޗަށްކަމަށް ކަނޑައަޅުއްވައި ދެއްވާ، މި މައްސަލަ އަވަސްގޮތެއްގައި ފައިސަލާކޮށްދެއްވުމަށްވެސް ވަނީ އެދިފައެވެ.