އިނގިރޭސި ޕްރިމިއަރ ލީގުގައި ފަހަތުން އަރައި މެންޗެސްޓަރ ޔުނައިޓެޑާ 2-2 އިން ޓޮޓެންހަމް އެއްވަރު ކުރިއިރު އެވަޓަން އަތުން 4-1 އިން ރޭ ނިއުކާސަލް މޮޅުވެ ގަދަ ހަތަރެއްގެ ޖާގަ ޔަގީން ކުރުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ފުރަތަމަ ދެލަނޑު ޖަހައި ލީޑް ނެގީވެސް މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ފުރަތަމަ ލަނޑު، 7 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯޑަން ސަންޗޯއެވެ. ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފާޑެވެ.

ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މިމެޗުގައި ޓޮޓެންހަމްއިން ފުރަތަމަ ލަނޑު ޖެހީ 56 ވަނަ މިނެޓުގައި ޕެޑްރޯ ޕޮއްރޯއެވެ. ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނެޓުގައި ސޮން ހިއުން މިންއެވެ.

މިނަތީޖާގެ ސަބަބުން ގަދަ ހަތަރެއްގެ އުއްމީދު ގާތްގަނޑަކަށް ޓޮޓެންހަމްއިން މިވަނީ ގެއްލިފައެވެ. އެއީ ތާވަލުގެ އެއްވަނައިގައި އޮތްް އާސެނަލް އާއި ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިހާރުވެސް ގަދަ ހަތަރެއް ޔަގީން ކޮށްފައިވާއިރު ތިންވަނައިގައި 62 ޕޮއިންޓާއެކު އޮތް ނިއުކާސަލް އާއި ހަތަރުވަނައިގައި 60 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ގަދަ ހަތަރެއްގެ ކަށަވަރު ކުރުމަށް މިހާރު ބޭނުން ވަނީ 9 ޕޮއިންޓެވެ.

މިސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް ރޭ އެވަޓަން އަތުން ފަސޭހަކަމާއެކު މޮޅުވީ ވިލްސަން އާއި ޖޮއެލިންޓަން އަދި ޔަކޯބް މާފީގެ ލަނޑުންނެވެ. އެވަޓަންގެ ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެކްނީއެވެ.

މިމެޗުން ބަލިވުމުން ރެލިގޭޝަނުން ސަލާމަތްވުމަށް އެވަޓަނަށް މިވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިވަގުތު ތާވަލުގެ 19 ވަނައިގައި އެވަޓަން އޮތީ 28 ޕޮއިންޓާއެކުއެވެ. އެޓަންއަށް ލީގުގައި ބާކީ އޮތް 8 މެޗުގެ ތެރެއިން ހަތަރު މެޗް ކާމިޔާބު ނުކުރެވިއްޖެނަމަ އެޓީމް ރެލިގޭޓް ވުމުގެ ފުރުސަތު ބޮޑެވެ.