މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިސީޒަނުގައި ސައުދީގެ އަލް ނަސްރަށް ގެނެސް އަލް ނަސްރަށް ބޮޑު މަގްބޫލް ކަމެއް ހޯއްދަވައި ދެއްވި އެކްލަބުގެ ރައީސް މުސައްލީ އަލް މުއައްމަރު ކްލަބުގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

"ސައުދީ ގެޒެޓް" އިން ރިޕޯޓް ކޮށްފައިވާ ގޮތުން މުއައްމަރު ކްލަބުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ އުއްމީދު ކުރެއްވިވަރުގެ ނަތީޖާތަކެއް މިސީޒަނުގައި ނުނެރެވުމުންނެވެ.

ސައުދީ ގެޒެޓްއިން ރިޕޯޓް ކޮށްފައި ވަނީ މުއައްމަރު އިސްތިއުފާގެ ސިޓީ ކްލަބުގެ ބޯޑަށާއި ސްޕޯޓްސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ކްލަބުގެ ބޯޑުން މިހާރު ގެންދަނީ އައު ރައީސަކު އައްޔަންކޮށް ސީޒަނުގެ ބާކީ އޮތް ބައި ކާމިޔާބު ކަމާއެކު ނިންމާލުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ކްލަބުގެ ރައީސް ކަމުން މުއައްމަރު އިސްތިއުފާ ދެއްވާފައި މިވަނީ ކްލަބުގެ ކޯޗްކަށް ހުރި ރޫޑީ ގާސިއާ އިސްތިއުފާ ދިންތާ ދެހަފްތާއެއްހައި ދުވަސް ފަހުން ކަން ފާހަގަ ކޮށްލެވެއެވެ.

ރޮނާލްޑޯއާއެކު މިސީޒަން ހުސްއަތާ ނިންމާލަން ޖެހިދާނެކަން މިހާރު އަލް ނަސްރަށް ވަނީ ގާތްގަނޑަކަށް ޔަގީން ވެފައެވެ. ސައުދީ ކިންގް ކަޕުންނާއި ފެޑެރޭޝަން ކަޕުން ކަޓާފައިވާއިރު ލީގުގެ 2 ވަނައިގައި އޮތީ 56 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 59 ޕޮއިންޓާއެކު އަލް އިއްތިހާދް އޮތްއިރު އަލް ނަސްރަށް ލީގުގައި ބާކީ އޮތީ 5 މެޗެވެ.

އަލް ނަސްރު ވަނީ ލީގުގެ 11 ވަނައިގައި އޮތް އަލް ރައިދް އަތުން ފަސޭހަކަމާއެކު 4-0 އިން މޮޅުވެފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ.