ރާއްޖޭގެ އިގްތިސާދީ އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބުނެފައެވެ.
އެޕާޓީން މިހެން ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ދިވެހި ދައުލަތުން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅިގެން ދިއުމާ ގުޅިގެން ނެރުއްވި ބަޔާނުގައެވެ. އެބަޔާނުގައި ވަނީ މިއީ ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރެއްވި އެޓާނީ ޖެނެރަލްގެ ލީގަލް ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ.
"މި މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއު ކުރަމުން ދިޔައިރު ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުންނެވެ." އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދު ބައިނަލްއަގުވާމީ ހަމަތަކާއި މިންތަކާއި އެއްގޮތަށް ކަނޑައަޅައި ފުރިހަމަވެ މިހާރު މިވަނީ ނިމިފައި ކަމަށެވެ. ބައިގަރުނަށް ވުރެން ގިނަ ދުވަސްވީ މި މައްސަލަ ނިމި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިއުމަކީ އެ ޕާޓީން އުފާވެރިކަމާ އެކު ބަލައިގަންނަ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.