ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކާމިޔާބު ވިޔަނުދެއްވާނޭ ކަމަށް ރައްޔިތުންގެ މަޖިލހުގެ އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިހު މަގާމުން ދުރުކުރުމަށް ވާހަކަ ދައްކަމުން ގެންދާ އެންމެބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގައި ވެސް ތިބީ އެންމެ އަށް މެމްބަރުން ކަމަށެވެ. އެފަދަ ޕާޓީއަކުން ރައީސް ސާލިހު މަގާމުން ދުރުކުރުމުގެ ވާހަކަ ދެއްކީމައި އަންނަނީ ހިނިކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"އެންމެ އަށް މެންބަރުން ތިބި ޕީޕީއެމްއިން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރާ ވާހަކަ ދެއްކީމައި އަންނަނީ ހިނި. މަގުމަތީން ވައްޓާލާ ވާހަކަ ދެއްކީމާވެސް އަންނަނީ ހިނި. ޕީޕއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެތިބީ މާލިމީއަކުނެތި ފަރަށްއަރާފައި. ރައީސް ޔާމީން ބަންދުވިފަހުން،" ޝަރީފް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމާއި، ޖޭޕީއާއި، އެމްއާރުއެމާއި، އެމްއެންޕީއާއި، ފިކުރެއްގެ ދިރުން ގުޅިގެން ވެސް ރައީސް ސާލިހު މަގާމުން ދުރުކުރުމަށް ބޭނުންވާ އަޣުލަބިއްތު ނުލިބޭނޭ ކަމަށެވެ. އެޕާޓީތަކަށް އެކަންވާނޭ ނަމަ މިހާރު އޮންނާނީ ކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. "މަގުމަތީން ސަރުކާރު ވައްޓާލެވޭތޯވެސް ވަރަށް އުޅެފި. އެކަމެއްވެސް ނުވި،" ޝަރީފް ވިދާޅުވެފައިވެއެވެ.