ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި ދިވެއްސަކު ސަލާމަތް ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީހާއަކީ 41 އަހަރުގެ ފިރިހެނެއް ކަމަށް ވެއެވެ.

އެ ސަރަހައްދުން ދަތުރު ކުރި ލޯންޗަކުން ވަނީ މި މީހާ ބުރިޖު މަތިން ފުންމާލި ވަގުތު ސަލާމަތް ކޮށްގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އައިޖީއެމްއެޗްގެ އިމަޖެންސީގައި މި މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ ސިނަމާލެ ބްރިޖް މަތިން މީހަކު ފުންމާލިކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:44 ގައި، ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިންވެސް ބްރިޖު މަތިން މި ގޮތަށް މީހުން ފުންމާލަން އުޅެނިކޮށް ގިނަ ބަޔަކު ވަނީ ހުއްޓުވާފަ އެވެ. އެގޮތުން އެންމެ ފަހުން ބްރިޖް މަތިން ފުންމާލަން އުޅެނިކޮށް ހުއްޓުވީ ބިދޭސީ އެކެވެ.