ކްލަބް އީގަލްސް 0-2 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.

ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި މާޒިޔާއިން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ދަނިކޮށް އިބްރާހިމް އައިސަމް ޖެހި ލަނޑަ ކުންނެވެ. އައިސަމް މިލަނޑު ޖެހީ އީގަލްސްގެ އޭރިޔާގެ ތެރެއަށް ހަސަން ނާއިޒް (ދާދު) ހުރަސް ކުރި ބޯޅައެއް އީގަލްސްގެ ކުޅުންތެރިންނަށް ދިފާއު ނުކުރެވި އައިސަމްއަށް ލިބުނު ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުޅިބައްލަވަން ދަނޑުގައި އިންނެވި މިމެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ކީޕަރު މުހައްމަދު ފައިސަލް ބަލަހައްޓަމުން ދިޔަ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މެޗް ފެށުމުގެ ކުރިން އެފްއޭއެމްގެ ފަރާތުން ރައީސް ސާލިހަށް ޖާޒީއެއް ހަވާލް ކޮށްދެއްވަނީ. ފޮޓޯ: އެފްއޭއެމް

އީގަލްސްއިން އުފެއްދި ހަމަލާތަކުގައި ލަނޑެއް ނުޖެހި އުޅެނިކޮށް މާޒިޔާއިން ޗެމްޕިއަންކަން ޔަގީން ކުރީވެސް މެޗް ނިމެން ދަނިކޮށް އައިސަމް ކާމިޔާބު ކުރި ލަނޑަކުންނެވެ. އައިސަމް މިލަނޑު ޖެހީ އީގަލްސްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު އީގަލްސްގެ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ، ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ އައިސަމްއެވެ.

މިއީ މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި 2 ފަހަރެވެ. އީގަލްސްއިން ވަނީ މާޒިޔާ ބަލިކޮށް 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.