އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލްގެ މަޝްހޫރު އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއާ ޗެލްސީ ބައްދަލު ކުރި މެޗުގައި، ޗެލްސީގެ މިޑްފީލްޑަރު މިޚައިލޯ މުދްރިކުގެ ލޮލަށް ނުރައްކާތެރި ލޭޒާ އަލި އެޅުވި ސަޕޯޓަރު ހައްޔަރު ކޮށްފިއެވެ.

މުދްރިކް ކުޅެން އެރުވީ މެޗް ނިމެން 19 މިނެޓަށް ވެފައި ވަނިކޮށެވެ. މުދްރިކް ކުޅެން އެރީއްސުރެ މެޗް ނިމެންދެން ކަހަލަ ގޮތަކަށް އޭނާގެ ލޮލަށް ވަރުގަދަ ފެހި ކުލައިގެ އައްޔެއް އަޅުވާފައި ހުރި މަންޒަރު ފެނުނެވެ.

މެޗަށްފަހު ސޯޝިއަލް މީޑިޔާއަށް ދޫކޮށްލި މެސެޖެއްގައި މުދްރިކް ބުނީ އޭނާ "އޯކޭ" ކަމަށެވެ. މުދްރިކުގެ ސަޕޯޓަރުން ހާސްވީ ލޭޒާ އައްޔަކީ ލޮލަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އައްޔަކަށް ވުމުންނެވެ. ބައެއްފަހަރު ލޭޒާ އަލީގެ ސަބަބުން ލޮލުގެ ފެނުންވެސް ގެއްލެއެވެ.

މިއަދު ހެނދުނު އާސެނަލްއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ސަޕޯޓަރު ހިންގީ ނުރައްކާތެރި އަދި ބަލައިނުގަނެވޭނެފަދަ އަމަލެއް ކަމަށެވެ. "މިއީ ނުރައްކާތެރި އަދި އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެފަދަ އަމަލެއް. މިމައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަން" އާސެނަލްއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މުދްރިކް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ފުރަތަމަ ބަދަލުވާން ޝައުގުވެރިކަން ފާޅުކުރީ އާސެނަލްއަށެވެ. އާސެނަލް ކުޅޭ މެޗުތަކުގެ ވީޑިއޯ ކޮޅުތައްވެސް އޭނާ އޭރު އިންސްޓަގްރާމް ކުރަމުން ގެންދިޔައެވެ. އެކަމަކު ފަހުން އޭނާގެ ވިސްނުން ބަދަލުކޮށް އާސެނަލްއާ ވާދަވެރި ޗެލްސީއަށް ސޮއި ކުރީއެވެ.

78 ޕޮއިންޓާއެކު މިވަގުތު ތާވަލުގެ 1 ވަނައިގައި އާސެނަލް އޮތްއިރު، ޗެލްސީ އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.