ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލު ކުރެއްވުމަށް ކުއްލި ދަތުރުފުޅެއްގައި އިރާނުގެ ރައީސް އިބްރާހިމް ރައީސީ މިއަދުގެ ވަގުތެއްގައި ސީރިއަށް ވަޑައިގެންފިއެވެ.
ސީރިއާގެ ގައުމީ މީޑީޔާއިން ހާމަ ކޮށްފައިވާ ގޮތުގައި އިރާނުގެ ރައީސް ރައީސީ ސީރިޔާއަށް ކުރައްވަމުން ގެންދަވަނީ ދެދުވަހުގެ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގައި އަސްކަރީ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސީރިޔާއާއެކު އެއްބަސްވުންތަކެއްގައި ރައީސީ ސޮއި ކުރައްވާނެ ކަމަށްވެސް ސީރިއާގެ ރަސްމީ މީޑިޔާއިން ބުނެއެވެ.
ސީރިޔާގެ ރަސްމީ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި ރައީސީ ސީރިޔާއަށް ވަޑައިގަތީ އިރާނުގެ ސިޔާސީ އަދި ވިޔަފާރިވެރިން ހިމެނޭ ބޮޑު ވަފްދަކާއެކުއެވެ.
މިއީ ސީރިޔާގައި 2011 ވަނަ އަހަރު ނުރައްކާތެރި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މިދިޔަ 12 ވަރަކަށް އަހަރު ތެރޭގައި އިރާނުގެ ރައީސަކު ސީރިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސީރިއާއަށް އެންމެފަހުން ވަޑައިގެންނެވި އިރާނުގެ އެންމެފަހުގެ ރައީސަކީ 2010 ވަނަ އަހަރު ސީރިޔާއަށް ވަޑައިގެންނެވި އަހްމަދީ ނީޖާދެވެ.
އިރާނަކީ ސީރިޔާގެ ދާޚިލީ ހަނގުރާމާގައި ސީރިޔާގެ ރައީސް އަސަދަށް އަސްކަރީ ގޮތުން އެންމެ ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ގައުމެވެ. ހަނގުރާމަވެރިންނާއި ކުރިމަތިލުމުގަޔާއި ހަނގުރާމައިގެ ރޭވުންތައް ރޭވުމުގައި އިރާނުގެ އަސްކަރިއްޔާއިން ވަނީ ސީރިޔާގެ އަސްކަރިއްޔާގެ އެންމެ ކުރީ ސަފުހައި މަސައްކަތް ކޮށްފައެވެ. މިހާރުވެސް ސީރިޔާގެ ވެރިރަށް ދިމިޝްގުގައި އިރާނުގެ އެތައް ސަތޭކަ ސިފައިން ގާއިމްވެ ތިބިކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.
މިދުވަސްވަރަކީ ސައުދީ އާއި އިރާން އަދި ސީރިޔާ އާއި ސައުދީގެ ގުޅުންވެސް ރަނގަޅުވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެއެވެ.