މެދުފަންތި، ކުދި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ލޯނު ދިނުމަށް އުފައްދާފައިވާ އެސްޑީއެފްސީ ބޭންކުން، އެބޭންކުން ބޭނުން ކުރަމުންދިޔަ އެސްއެމްއީ ޕޯޓަލް އަޕްގްރޭޑް ކުރުމަށްފަހު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީއިން ހާމަ ކުރެއްވީ މިހާރު ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ އިތުރުން ލޯނު ހަމަޖެހުމުގެ ކުރިން ހިނގާ އެކިއެކި މަރުހަލާތަކުގެ އަޕްޑޭޓްސް އާއި ލޯނާއި ގުޅޭ އެކިއެކި ކަންކަމުގެ އެހީތެރިކަން މިޕޯޓަލްގެ ތެރެއިން ކަސްޓަމަރުންނަށް ހޯދޭނެ މަގުފަހި ވެގެންދާނެ ކަމަށެވެ.

ޕޯޓަލް މެދުވެރުކޮށް މިހިދުމަތްތައް ހޯދުމަށް އީފާހުގައި ރަޖިސްޓްރީކޮށް، ލޯނަށް އެދި ހުށަހަޅަށް ޖެހެނީ އީފާސް މެދުވެރިކޮށެވެ.

އެސްޑީއެފްސީއިން މިހާތަނަށް 1.67 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، އެސްޑީއެފްސީން މިވަގުތު ލޯނު ދޫކުރަމުން އަންނަނީ ތަފާތު 6 ދާއިރާއަކަށެވެ. އެއީ ފަށާ ވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ އަދި ރަށު ފަތުރަށެވެ.