ވެސްޓްހޭމް ޔުނައިޓެޑް ކޮޅަށް ފޯވާޑް އާލިންގ ހާލަންޑް ރޭ ކާމިޔާބު ކުރި ލަނޑާއެކު، ޕްރިމިއަރ ލީގުގެ ތާރިހުގައި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހާލަންޑް ގާއިމްކުރިއިރު މެންސްޗެސްޓަރ ސިޓީ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ވެސްޓްހޭމް އަތުން ސިޓީ މޮޅުވީ 3-0 އިންނެވެ. ފުރަތަމަ ހާފް ވެސްޓްހޭމްއިން މޮޅަށް ޑިފެންސްކޮށް ސިޓީއަށް ލަނޑެއް ޖެހުނަ ނުދީ ހިފެހެއްޓިއެވެ. ސިޓީއިން ވެސްޓްހޭމްގެ ގޯލު ފޫއަޅުވާލީ ދެވަނަ ހާފުގެ ކުރީ ކޮޅު (49 ވަނަ މިނެޓުގައި) ނެދަލޭންޑްސްގެ ޑިފެންޑަރު ނަތަން އާކޭ ބޮލުން ކާމިޔާބު ކުރި ލަނޑަކުންނެވެ. ސިޓީގެ ދެވަނަ ލަނޑު އަދި ޕްރިމިއަރ ލީގުގެ ރެކޯޑް ލަނޑު ހާލަންޑް ކާމިޔާބު ކުރީ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކަށް އަރައި ވެސްޓްހޭމްގެ ކީޕަރު ބޯމަތިން ފޮނުވާލި ޗިޕަކުން 70 ވަނަ މިނެޓުގައެވެ. ސިޓީގެ ތިންވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ނިކުތް ފިލް ފޯޑެންއެވެ. މިއީ ސިޓީގެ ކޯޗް ކަމާއި ޕެޕް ގާޑިއޯލާ ހަވާލުވިފަހުން އެކްލަބުން ކާމިޔާބު ކުރި 1000 ވަނަ ލަަނޑެވެ.

މިމެޗުގައި ހާލަންޑް ޖެހި ލަނޑާއެކު އޭނާ ވެފައި ވަނީ ޕްރިމިއަރ ލީގުގެ ތާރިހުގައި އެއްސީޒަނެއްގައި 35 ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ ކަމުގައެވެ. ކުރިން މިރެކޯޑް އޮތީ 34 ލަނޑު ޖަހައިގެން ނިއުކާސަލް އާއި އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑް އެލަން ޝިއާރާ އާއި ނިއުކާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގައި ކުރިން ވިދާލި އިނގިރޭސި ފޯވާޑް އެންޑީ ކޯލް އަތުގައެވެ. މިދެކުޅުންތެރިން 34 ލަނޑު ކާމިޔާބު ކޮށްފައި ވަނީ 42 މެޗުންނެވެ. ހާލަންޑް 35 ލަނޑު ޖެހީ 33 މެޗުންނެވެ.

މެޗަށްފަހު ސިޓީގެ ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުން ވަނީ ހާލަންޑުގެ ކާމިޔާބީ ފާހަގަކޮށް އޭނާއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ހާލަންޑަށް ގާޑް އޮފް އޮނާ އަރުވަނީ. ފޮޓޯ؛ މެންޗެސްޓަރ ސިޓީ

މިމޮޅާއެކު ސިޓީ ތާވަލުގެ ކުރީގައި އޮތީ 33 މެޗުން ހޯދި 79 ޕޮއިންޓާއެކުއުއެވެ. ސިޓީއަށްވުރެ އިތުރަށް އެއްމެޗް ކުޅެ 78 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އާސެނަލްއެވެ. ސިޓީއަށް ލީގުގައި ބާކީ އޮތީ ލީޑްސް ޔުނައިޓެޑް، އެވަޓަން، ޗެލްސީ، ބްރައިޓަން އަދި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.