ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅުގަނގު މޫސުމުގެ ބާރުގަދަވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިވަނީ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ވައިޓް އެލާޓް ނެރެ މޫސުމަށް ސަމާލް ވުމަށް މިއަދު އިލްތިމާސް ކޮށްފައެވެ.

މޫސުމަށް އައި ބަދަލާއެކު ބާޒާރު އަގުތަކަށްވެސް މިއަދު މިވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައެވެ. ކަނޑު ގަދަވެ، ދަނޑުވެރިކަން ކުރާ ރަށްރަށުން މާލެއަށް ފޮނުވަން ހުރި ތަކެތި ފޮނުވުމުގައި މިިވަނީ ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވެފައެވެ.

ލޯކަލް މާރުކޭޓުގައި މިވަގުތު މަޝްހޫރު ކަނޑޫދޫ މިރުސް ލިބުން ހުރީ ވަރަށް މަދުންނެވެ. މިރުސް ކިލޯއެއް މިއަދު ވިއްކަން ހުރީ ކިލޯއެއް 250 ރުފިޔާއަށެވެ. މޫސުން ރަނގަޅުނުވެ ކުރިއަށްދާނަމަ މިރުހުގެ އަގު މިހާރަށްވުރެ ބޮޑުވުމަކީ ވަރަށް ގާތް ކަމެކެވެ.

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ކަރާތަކެއް ވިއްކަން ބަހައްޓާފައި. ފޮޓޯ: ހަލިނިއުސް

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު މާރުކޭޓުގައި ކޮޕީފަތް މިއަދު ވަރަށް ތިޔާތްގެވެ. 4 ފަތުގެ ކޮޕީ ފަތް ބޮނޑިއެއް މިއަދު މާރުކޭޓުން ލިބެން ހުރީ 10 ރުފިޔާއަށެވެ. ސެލަޑް ހެދުމަށް ބޭނުން ކުރާ ޗައިނީޒް ކެބެޖް ލިބެން ހުރީ ކިލޯއެއް 90 ރުފިޔާއަށެވެ. ކުއްޅަފިލާފަތް މިއަދު މާރުކޭޓުން ލިބޭކަށް ނެތެވެ. މާލެއަށް ފަތްޕިލާ ވެލީގެ ބާވަތްތައް މައިގަނޑު ގޮތެއްގައި ގެންނަނީ ކާށިދޫއިންނާއި ތޮއްޑޫއިން ކަމުގައިވާތީ މިހާރު ލިބެން ހުރި އަގަށް ކުރިއަށް ދެތިން ދުވަހު ބަދަލު އަންނާނެ ކަމަކަށް ނުބެލެވެއެވެ.

ތޮރާ އަދި ޗިޗަންޑާ ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުރިއިރު ބަރަބޯ ލިބެން ހުރީ ކިލޯއެއް 18-25 ރުފިޔާއަށެވެ. ރޯދަ މަހުގެ ފަހު ކޮޅުން ފެށިގެން ކަރަލުގެ އަގު ތިރިވި ގޮތަށް އަދިވެސް ހުރީ ކިލޯއެއް 20 ރުފިޔާއަށެވެ. މާލޭ މާރުކޭޓަށް މިދުވަސްވަރު ކަރާ ގެންނަ މައިގަނޑު ދެއަތޮޅަކީ ށ އަދި ބ އަތޮޅު ކަމުގައިވާތީ މޫސުން ރަނގަޅު ނުވެ ދިގުލައިފިނަމަ ކަރަލުގެ އަގު ބޮޑުތަނުން އުފުލުމަކީ ކައިރި ކަމެކެވެ.