ކުރިއަށް އޮތް ޖޫން މަހު ފެށޭ ހޫނު މޫސުމުގެ ޓްރާންސްފާގައި ލިއޮނަލް މެސީ، ބާސެލޯނާއަށް ގެނެވިދާނެ ކަމަށާއި އެކަމަކު އެކަން ކުރެވޭނީ މެސީއަށްދޭ މުސާރަ އަހަރަކަށް 35 މިލިޔަން ޔޫރޯއަށްވުރެ މަތި ނުވާ ގޮތަށް ކަމަށް ލަލީގާގެ ރައީސް ހަވިޔާ ޓެބަސް މިރޭ ވިދާޅުވެއްޖެއެވެ.

"ކުޅުންތެރިންތަކެއް ވިއްކާލައިގެން ބާސެލޯނާއަށް އެކަން (މެސީ ގެނައުމުގެ ކަންކަން ކުރެވިދާނެ) ކުރެވިދާނެ. އަހަންނަށް ގަބޫލް ކުރެވެނީ ކުޅުންތެރިންތަކެއް ވިއްކާލައިގެން ރަނގަޅު ބާސެލޯނާއަށް ރަނގަޅު އާމްދަނީއެއް ހޯދިދާނެހެން" ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް ސަޕޯޓް ކުރައްވާ ޓެބަސް ވިދާޅުވިއެވެ.

"ބާސެލޯނާއިން މެސީގެ ސޮއި ހޯދައިފިނަމަ މެސީއަށްދޭ މުސާރަ ވާންވާނީ މިހާރު ޕީއެސްޖީއިން މެސީއަށްދޭ މުސާރައިގެ ދެބައި ކުޅަ އެއްބަޔަށް" ޕީއެސްޖީއިން މެސީއަށް އަހަރަކަށްދޭ 35 މިލިޔަން ޔޫރޯއަށް އިޝާރާތް ކުރަމުން ޓެބަސް ވިދާޅުވިއެވެ.

ދުނިޔޭގައި މިވަގުތު މެސީއަށް ވުރެ މުސާރަ ބޮޑު ތިބީ ދެކުޅުންތެރިންނެވެ. އެއީ މެސީއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކިލިއަން އެމްބައްޕޭ އާއި ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.