ކެއާ ސޮސައިޓީ އާ ގުޅިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މިއަދު އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ތޯހާއެވެ. އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އާތިފްއެވެ.

އިންޓާންޝިޕްގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގައި ކެއާ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސާ ކޮށްދިނުމަށް އެމްއޭސީއެލް އިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް މި ފަހުމުނާމާގައި އެއްބަސްވެފައެވެ.

އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފައި ވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި މިއީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެ ކުދިންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.