ޒަވާޖީ ހަޔާތް ކާމިޔާބުވުމުގެ އަސާސަކީ ފިރިމީހީ އާއި އަނބިމީހާގެ ދެމެދުގައި އޮންނަ އިހްތިރާމް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އާއިލާތައް ރޫޅިގެން ދަނީ ދެމަފިރިން އެކަކު އަނެކަކަށް އިހްތިރާމް ނުކުރުމުގެ ސަބަބުން ކަމަށާއި ޒަވާޖީ ހަޔާތް ކާމިޔާބު ކުރުމަށްޓަކައި އެކަކު އަނެކެއްގެ ސިއްރުތައް ހިފަހައްޓައި އެކަކު އަނެކަކަށްޓަކައި ޤުރުބާންވެ ހެޔޮ އެދެންޖެހޭ ކަމަށް ހުކުރު ޚުތުބާގައި މިއަދު ގޮވާލެއްވިއެވެ.

މިއަދުގެ ޚުތުބާ އަލިއަޅުވާލާފައި ވަނީ އިހްތިރާމް ކުރުމުގެ މައްޗަށެވެ. މިގޮތުން މުސްލިމުން އެންމެ ބޮޑަށް އިހްތިރާމް ކުރަން ޖެހޭ ފަރާތަކީ ﷲ ސުބްހާނަހޫ ވަތައާލާ ކަމަށާއި އެކަލާނގެ ޒާތުފުޅު މަތިވެރިކޮށް އެކަލާނގެ ދީނަށާއި މިއުއްމަދުގެ މާތް ނަބިއްޔާއަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް މިއަދުގެ ޚުތުބާގައި ގޮވާލެއްވިއެވެ.

އިހްތިރާމް ކުރުމުގެ ތެރޭގައި އިޖްތިމާއީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމާއި ދީނީ ގޮތުން ފާހަގަ ކުރެވޭ މުނާސަބާތަކުގައި ތަހްނިޔާ ކިޔުމާއި ހަދިޔާ ބަދަލު ކުރުމާއި ހިތާމަ ތަކުގައި ތައުޒިޔާ ކިޔައި އުފަލާއި ހިތާމާގައި ބައިވެރިވުމާއު ދަތިކަމެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށް އެހީތެރިވުމަކީ އިހްތިރާމްގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން މިއަދުގެ ޚުތުބާގައި ވަނީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދެކެވޭ ސިއްރު ވާހަކަތަކަށް އިހްތިރާމް ކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. މިގޮތުން ޖަލްސާތަކާއި ބައްދަލުވުންތަކުގައި ހިނގާ ކަންތައްތަކާއި ދެކެވޭ ވާހަކަތަކަކީ އެއަށް އިހްތިރާމް ކުރަންޖެހޭ ސިއްރުތަކެއް ކަމަށެވެ. އެކަމަކު ހިތާމަޔަކީ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވެމުން ދަނިކޮށް ތަނުގައި ދެކެވޭ ވާހަކަތައް ފޭސްބުކާއި ޓްވިޓަރފަދަ މީސްމީޑިޔާގެ އޮޅިތަކުގައި ހާމަ ކުރެވެމުންދާ މަންޒަރު ކަމަށެވެ.

ކީރީތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "މަޖްލިސްތަކަކީ އަމާނާތެކެވެ. ތިން ބާވަތެއްގެ މަޖިލީހެއް މެނުވީއެވެ. އެއީ ހަރާމް ގޮތުގައި ލޭ އޮހޮރުވޭ މަޖްލިސްތަކާއި، ފާހިޝް އަމަލުތައް ހިންގޭ މަޖިލިސްތަކާއި ހައްގަކާ ނުލައި މީހުންގެ މުދާ ކައި އުޅޭ މަޖްލިސްތަކެވެ."