ޚަބަރެއް އިވުމުން ޚަބަރެއްގެ ތެދުދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަމެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ސޯޝަލް މީޑިއާގައި ޚަބަރު ފަތުރަމުންދާތީ އެކަމާބެހޭ ގޮތުންނެވެ. "ޚަބަރެއް އިވުމުން ޚަބަރެއްގެ ތެދުދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަމެއް. އެކަންނުކުރަމަށް އެކަންކުރާ ފަރާތްތަކަށް ނަސޭހަތްތެރިވަން، އިންޝާ ﷲ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވާދަކުރައްވައި ކާމިޔާބު ހޯއްދަވައި މިގައުމު ވެއްޓިފައިވާ އަނދަވަޅުން ނަންގަވައި ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދެއްވާނެ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށެވެ. "މިއާ ޚިލާފަށް އަޅުގަނޑާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ޚަބަރަކީ ހަގީގަތެއްނޫން،" ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު މިހާރުވަނީ ރައީސް ޔާމީނަށް ދެއްވައިފައެވެ. އެހެންނަމަވެސް އެމަނިކުފާނު އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާނުގައި ވާދަކުރެވޭނޭ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. އެހެންނަަމަވެސް ޕީޕީއެމުން އަދިވެސް އޮތީ އެމަނުކުފާނަށް ވާދަކުރެވޭނެ ކަމުގެ އުންމީދުގައެވެ.

އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި ޓީކެޓަށް ވާދަކުރައްވަން ކުރިން ތައްޔާރަށް ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޑރ. ވަހީދާއި، ޑރ. މުއިއްޒާއި، ޣައްސާން މައުމޫނާއިމ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ހިމެނިވަޑައިގެންނެވި ކަމަށް ޕީޕީއެމްގެ ސެނެޓަރަކު ވިދާޅުވިއެެ. އެހެންނަމަވެސް އޭގެ ތެރެއިން އެންމެ ފުރުސަތު ބޮޑީ ޑރ. މުއިއްޒާއި، ޣައްސާނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޓިކެޓު ހޯއްދެވުމަށް ޑރ. މުއިއްޒާއި ޣައްސާން ބައެއް ސެނެޓަރުންނާ ވާހަކަ ދެއްކެވި ކަމަށް އޭނާ ވިދާޅުވިއެވެ. ސެނެޓަރު މިހެން ވިދާޅުވިޔަސް ޣައްސާން ވެސް ވަރަށްފަހުން ވިދާޅުވެފައިވަނީ އޭނާ ވެސް އިންތިޚާބުގައި ވާދަނުކުރައްވާނޭ ކަމަށެވެ. އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ޣައްސާން ހައްދަަވާނީ ރައީސް ޔާމީންް ވިދާޅުވާ ގޮތެއް ކަމަށް ވެސްް ވަނީ ވިދާޅުވެފައެވެ.