2020 އަދި 2021 ވަނަ އަހަރު ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް ވަބާގެ އައު ވޭރިއެންޓެއް ހަލުވިކޮށް ފެތުރެމުން އަންނާތީ އަވަށްޓެރި އިންޑިޔާ ހިމެނޭ ގޮތަށް 19 ގައުމަކުން ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފިއެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ މައި ޖަމްއިއްޔާ ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި ހަލުވިކޮށް މިހާރު ފެތުރެމުން ދަނީ ކޮވިޑުގެ Arcturus” (XBB.1.16)" ވޭރިއަންޓެވެ.

އިނގިރޭސިވިލާތާއި އިންޑިޔާއިން މިހާރު ދަނީ މިވައިރަސް ހުއްޓުވުމަށް ތަފާތު ފިވަޅުތައް އެޅުމަށް ރައްޔިތުންނަށް މަޖުބޫރު ކުރަމުންނެވެ. މިގޮތުން ހޮސްޕިޓަލުތަކުގައި މާސްކް އެޅުން މިހާރު ވަނީ މަޖުބޫރު ކޮށްފައެވެ. މީގެ އިތުރުން ޓްރެއިން ސްޓޭޝަންތަކާއި އާންމުން އެއްވެ އުޅޭތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯ އާއި އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި Arcturus” (XBB.1.16)" ވައިރަސްއަކީ 2021 އަދި 2020 ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް ވައިރަސްއާ ނުރައްކާތެރިކަން ދާދި އެއްވަރުގެ ވައިރަސްއެކެވެ.

ކޮވިޑުގެ އައު ވައިރަސް މިހާތަނަށް 34 ގައުމަކުން ވަނީ ފެނިފައެވެ. މީގެ ތެރޭގައި އިންޑިޔާ އާއި ސިންގަޕޫރު، އިނގިރޭސިވިލާތް، އެމެރިކާ، އޮސްޓްރޭލިޔާ އަދި ކެނެޑާ ހިމެނެއެވެ.

އިންޑިޔާގެ ޔޫނިއަން ހެލްތް މިނިސްޓްރީ މިރޭ ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހިގެން 2،961 މީހުން ރިޕޯޓް ކޮށްފައިވާއިރު 17 މީހުން ވަނީ މަރުވެފައެވެ.