މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާާމިގިލީގައި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށެވެ. އަދި މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މީގެ އިތުރުން، މިދިޔަ މަހު 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު އުތުރު ފަރާތު ގޮނޑުދޮށުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 78 ފުޅި ބަނގުރާ ފެނިފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.