ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ޢާބިދާ އަޙްމަދު ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ޢާބިދާ ނިޔާވިއިރު ޢުމުރުފުޅަކީ 66 އަހަރެވެ.
ޢާބިދާ ނިޔާވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީ އާ ވަކިވެގެން އެ ދިޔައީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށާއި ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓްރީ އަށް އޭނާ ޚިދުމަތް އަދާ ކުރައްވާފައިވާ ކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޢާބިދާ އަކީ އެންމެންގެ އެކުވެރިއެއް ކަމަށާއި އޭނާގެ ހަނދާން މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ.
1978 ވަނަ އަހަރު އެންމެ ފުރަތަމަ ޢާބިދާ ވަޒީފާއަށް ނުކުންނެވީ މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިންނެވެ. 4 އަހަރަށްފަހު މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާއަށް ބަދަލުވިއެވެ. އަދި އެއަށްފަހު 1985 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ވެންނެވުމަށްފަހު މިވީ މުއްދަތުގެ ތެރޭގައި ޢާބިދާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެމިނިސްޓްރީގައެވެ.
އެގޮތުން ޢާބިދާ ފޮރިން މިނިސްޓްރީގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، 2 ނަންބަރު ކާތިބާ ކަމުގެ އިތުރުން، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް ޑެސްކް އޮފިސަރ ކަމާއި، ޑެސްކް އޮފިސަރ ކަމާއި، ސީނިއަރ ޑެސްކް އޮފިސަރުކަން ހިމެނެއެވެ.
މީގެއިތުރުން ޢާބިދާ ވަނީ ފޮރިން މިނިސްޓްރީގެ އިދާރީ ހިންގުމާބެހޭ ސެކްޝަނާއި އިތުރު ޑިޕާޓްމަންޓްތަކުގައި ވެސް މަސައްކަތްކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ އެޤައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގައި ޢާބިދާވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
ޢާބިދާގެ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.