ގައުމީ ޓީމާއި ކްލަބް ވެލެންސިޔާ އަދި ނިއުރޭޑިއަންޓަށް ކުރިން ކުޅެ އަދި މިހާރު ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަސްލަމް އަބްދުއްރަހީމް އިއްޔެގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފިއެވެ.

އަސްލަމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރި ފޮޓޯއެއް ޓްވީޓުގައި ޕޯސްޓްކޮށް، ކުރީގެ އެއްވަނަ ރެފްރީ ރިޔާޒް ރަޝީދު ވިދާޅުވީ އަސްލަމަށާއި އާއިލާއަށް އުފާފާގަތި މުސްތަގްބަލަކަށް އެދޭކަމަށެވެ. ރިޔާޒް ރަޝީދަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަރިސް ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

އަސްލަމް (ކ-ފުރަތަމަ) އަދި ޖޭޕީގެ ލީޑަރު ޤާސިމް (މ) ގައި. ފޮޓޯ؛- ޖޭޕީ

އަސްލަމްގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ކްލަބް ވެލެންސިޔާގައެވެ. އަދި ނިއުރޭޑިއަންޓުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދިއެވެ.

އަސްލަމް ޖޭޕީއަށް ސޮއި ކޮށްފައި މިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ޖޭޕީއަށް އެކިރަށްރަށުން ގިނަބަޔަކު ސޮއި ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އިއްޔެ އެކަނިވެސް އެޕާޓީއަށް ސަތޭކައެއްހައި މީހުން ވަނީ ސޮއި ކޮށްފައެވެ.

ޖޭޕީގެ ފަރާތުން ކުރިއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ.