ކޭޕާކު މައްސަލައިގައި އިތުރު ދެމީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ހިފަހައްޓާފައި ވަނީ މަމްދޫހުއާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖައިޝާން ސައީދު އާއި ކޮރެއާގެ ބްރޯކަރެއް ކަމަށް ބުނާ ކިމްގެ ޕާސްޕޯޓެވެ.

"ކޭ-ޕާކު" މައްސަލައިގައި، މިހާރު ޕާސްޕޯޓު ހިފަހައްޓާފައިވާ، ހަސަން މަމްދޫހު (މަންޑޭ) އިތުރު މީހެއްގެ ނުވަތަ ބައެއްގެ ޕާސްޕޯޓު ހިފެހެއްޓިތޯ "ހަލި" ނޫހުން ފުލުހުންނާ ސުވާލު ކުރުމުން އިތުރު ދެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުލުހުން ބުނީ އެއީ ކޮންބައެއްތޯ އަދި ހާމަކުރެވެން ނެތް ކަަމަށެވެ.

އެނގިފައިވާ ގޮތުގައި، ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށް ހިފަހައްޓާފައި ވަނީ، ވަގަށް ފްލެޓްތައް ވިއްކުމުގައި މަމްދޫހާ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މަމްދޫހުގެ ބިޒިނަޒްޕާޓްނަރެއްކަމަށްވާ ޖައިޝާން ސައީދުގެ ޕާސްޕޯޓެވެ.

ޖައިޝާން ވެސް ވަނީ މަމްދޫހާ ބައިވެރިވެ، ފުލެޓް ވިއްކި އެގްރިމަންޓްތަކުގައި ހަންބޯ ކުންފުނީގެ ހެއްކެއްގެ ގޮތުންނާއި ފައިސާ ބަލައިގަތްކަމުގެ ރަސީދުތަކުގައި ސޮއިވެސް ކޮށްފައި ކަމަށްވެއެވެ. އަދި މީރާއަށް ހުށަހެޅި ސައްހަ ނޫން ކަމަށް ބެލެވޭ ޓެކްސް ބަޔާންތަކުގައިވެސް ސޮއިކޮށްފައިވާ ކަމަށްވެއެވެ. މީނާއާއެކުގައި ދެން ޕާސްޕޯޓު ހިފަަހައްޓާފައިވަނީ މީގެ ކުރިން ހަންބޯ ކުންފުނީގައި ހިއްސާ އޮތް ހަންބޯ ޓެކް ކިޔާ ދެކުނުކޮރެއާގެ ކުންފުންޏެއްގެ ބްރޯކަރެއް ކަމަށްވެއެވެ. ސޫންސޫކިމް ނަމަކަށް ކިޔާ މި މީހާއަކީ ވެސް މަމްދޫހުގެ ގާތް އެކުވެރިއެއްކަމަށް ވެއެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ މަތީ ފަންތީގެ "ކޭޕާކް ރެސިޑެންސް" ފްލެޓްތަކުގެ މަސައްކަތް ކުރަނީ "ހަންބޯ" ކުންފުނިންނެވެ. މިކުންފުނީގެ 'މައިނޯރިޓީ ހިއްސާދާރު' ހަސަން މަމްދޫހު (މަންޑޭ) އަށް އެތައް ގޮތަކުން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

  • ކުންފުންޏަށް ވަގަށް މަމްދޫހު އަމިއްލައަށް އެޕާޓްމަންޓްތައް ނު އަގުގައި އެކި ފަރާތްތަކަށް ވިއްކައި ފައިސާ ނަގާފައިވުން
  • ސޮއި ފޯޖްކޮށްގެން ވަގު ބޯޑް ރިޒޮލިއުޝަންތައް ހަދައި ކުންފުނީގެ ބޭންކު އެކައުންޓް ހުޅުވައި ފައިސާގެ މުއާމަލާތްތައް ކޮށްފައިވުން
  • އެކަކަށް ވުރެ ގިނަ މީހުންނަށް އެއް އެޕާޓްމަންޓެއް ވިއްކައި މަކަރު ހަދާފައިވުން
  • ކުންފުނީގެ ޓެކްސް ބަޔާންތައް އޮޅުވާލައި ސޮއި ފޯޖްކޮށްގެން މީރާއަށް ބަޔާންތައް ހުށަހަޅާފައިވުން

މި ތުހުމަތުތައް މަމްދޫހު ގެ މައްޗަށް ކޮށް ފުލުހުންނަށް މަމްދޫހުގެ މަކަރާއިހީލަތުން ހިޔާނާތުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، "ހަމްބޯ ކުންފުނީ"ގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު، ޗައިނާގެ ރައްޔިތެއްކަމަށްވާ، ޖިން ޝިހޫއެވެ. މިދިޔަ ހަފުތާގައި ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅި މި މައްސަލައިގައި މަމްދޫހުގެ މައްޗަށް ތަހުގީގެއް ފަށައި އޭނާއަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފުލުހުން އިއުލާން ކުރީ ހޮނިހިރު ދުވަހުއެވެ.

"ހަމްބޯ" ކުންފުނީގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރު، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ ވަނީ މަމްދޫހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާ މަކަރާ ހީލަތް ހަދާފައިވާ ކަމަށް ބުނެ މައްސަލަ ފުލުުހަށް ހުށަހެޅީ މިދިޔަ ހަފުތާތެރޭގައެވެ.