މިދިޔަ އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވަނީ 1.86 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ނިމިގެން ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 13.2 ޕަސަންޓް އިތުރު އަދަދެކެވެ. އެހެންކަމަށްވިޔަސް މިއީ އޭޕްރީލްގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 11.2 ޕަސަންޓް ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރުގެ އޭޕްރީލް މަހުގެ މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، އާމްދަނީން ނަގާ ޓެކްސް، ރިޒޯޓުތަކުގެ ކުލި އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އެގޮތަކީ ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިވުމެވެ. ހަމައެހެންމެ މިިދޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު މިއަހަރުގެ މާޗް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 15.1 ޕަސަންޓް އިތުރުވެފައިވުމުން ފަތުރުވެރިކަމުގެ ދާއިރާއިން މީރާއަށް ލިބޭ އާމްދަނީ އިތުރުވެފައިވުމެވެ.
ޖީއެސްޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަޕޯޓް ޓެކުހާއި ފީގެ ސުންގަޑިތަކަށް ޓެކްސް ދައްކާ ބައެއް ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކައިފައި ނުވުމުގެ ސަބަބުން އާމްދަނީ ލިބިފައިވަނީ އޭޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ ދަށް ކޮށެވެ.
މީރާ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި މިދިޔަ އޭޕްރީލް ދެވަނަ ދުވަހަށް ފަސްކޮށްދިން ކަމަށެވެ. ނަމަވެސް ޓެކްސް ދައްކާ ގިނަ ފަރާތްތަކުން ރިސޯޓްތަކުގެ ކުލި މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވަނީ ދައްކާފައި ކަމަށެވެ.
އޭޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 64.5 ޕަސަންޓް ނުވަތަ 1.20 ބިލިއަން ރުފިޔާ އެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.5 ޕަސަންޓް ނުވަތަ 176.67 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 6.3 ޕަސަންޓް ނުވަތަ 116.49 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 5.1 ޕަސަންޓް ނުވަތަ 94.92 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ހަތަރު ޕަސަންޓް ނުވަތަ 75.14 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 10.6 ޕަސަންޓް ނުވަތަ 196.56 މިލިއަން ރުފިޔާ ވެސް ލިބިފައިވެ އެވެ.
މިދިޔަ އެޕްރީލްގައި 77.35 މިލިއަން އެމެރިކާ ޑޮލަރުވެސް މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި ހިމެނެއެވެ.