ހުޅުމާލޭގައި ހަންބޯ ކޮމްޕެނީން ހަދަމުން އަންނަ މަތީ ފަންތީގެ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް ވިއްކުމުގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މަންޑޭ އާއެކު ކުންފުންޏެއް ހެދި އާބަންކޯގެ މުވައްޒަފު މިއަދު ސަސްޕެންޑްކޮށްފިއެވެ.

އާބަންކޯއިން މިއަދު ބުނީ، އެ ކޯޕަރޭޝަންގެ މުވައްޒަފު އަބްދުލް ނާފިއު މުހައްމަދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އާބަންކޯ އިން ހާމަކޮށްފައިވާ ގޮތުގައި، ނާފިއު ސަސްޕެންޑް ކޮށްފައި ވަނީ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި ކުރެވިފައިވާ ތުހުމަތުތަކަށް ރިއާޔަތްކޮށެވެ.

ނާފިއުއަކީ އާބަންކޯގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރެވެ.

ފުލުހުންނާއި އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން, ނާފިއު އާމެދު އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށްވެސް އާބަންކޯއިން ބުނެފައިވެއެވެ.

ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޝީ ޖިން ހޫ ވަނީ، ކޭ-ޕާކް ފްލެޓުތައް ނުއަގުގައި އަދި އެއް އެޕާޓްމަންޓް ދެ ބަޔަކަށް ވިއްކާފައިވާ ކަމަށް ބުނެ، މަންޑޭއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ. މައި ހިއްސާދާރަށް އޮޅުވާލައިގެން މަންޑޭ އެޕާޓްމަންޓް ވިއްކަން ބޭނުންކުރި އެއް ކުންފުންޏެއްގައި ނާފިއުގެ ހިއްސާވެސް އޮންނަކަމަށް މައުލޫމާތު ވަނީ ލިބިފަައެވެ.

ކޭ-ޕާކް ހިޔާނާތުގެ މައްސަލައާ ގުޅިގެން މަންޑޭއާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. ހިފަހައްޓާފައި ވަނީ މަންޑޭ އާއެކު އެޕާޓްމެންޓް ވިއްކިކަމުގެ ތުހުމަތު ކުރެވޭ "ޖައިޝަން ސައީދު" އާއި ކޮރެއާގެ ރައްޔިތެއް ކަމަށްވާ "ސޫން ސޫ ކިމް".ގެ ޕާސްޕޯޓެވެ. އޭނާއަކީ ހަންބޯ ކޮރެއާ ކުންފުނީގެ ކުރީގެ ހިއްސާދާރެކެވެ.

ހަންބޯ ކުންފުނިން، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް ބުނެފައި ވަނީ، މި މަހުގެ ތިންވަނަ ދުވަހު ނެރުނު ބަޔާނެއްގައެވެ.