ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮންކްރީޓް ގަށާ ޓްރަކެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުޑަ ދެކުއްޖަކާއި އެ ވެހިކަލްގެ ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ސިނާއީ ސަރަހައްދު ކައިރިން ދުއްވާފައި ދިޔަ ކޮންކްރީޓް ގަށާ ޓްރަކެއް ފުރޮޅާލީ ހެނދުނު 7:35 ހާއިރު ކަމަށެވެ. އެ ޙާދިސާގައި އަނިޔާވި ދެ ކުދިން ބައިސްކަލް ދުއްވާފައި ދިޔައީ އެ ޓްރަކްގެ ކައިރިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ހާދިސާގައި އަނިޔާވީ އުމުރުން 13 އަހަރުގެ ދެ ފިރިހެން ކުދިންނަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަނިޔާ ވި ދެ ކުދިންނަށާއި ޑްރައިވަރަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފަރުވާ ދެމުން އަންނަ ކަމަށް ބުނި ނަމަވެސް އެއިން އެއްވެސް ފަރާތަކަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ.

މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.