މިއަހަރު ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި މޭ ނުވަވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ މުއްދަތު މާދަމާ މެންދުރުފަހު ތިންގަޑި ސުންމިނިޓަށް ހަމަވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ ހދ. ފިނޭ، ކ. ދިއްފުށި، މ. ވޭވަށް، ތ. ގާދިއްފުށި، ލ. މާމެންދޫ، އަދި ގދ. ހޯޑެއްދޫ ގެ ރައްޔިތުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިސްވެ ދެންނެވުނުދާއިރާއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ. ވީމާ، މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނޭ ކަމަށްވެސް އީސީން ވިދާޅުވެފައިވެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު (VR space ID-Number Send to 1414) އެސް.އެމް.އެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

ރީ-ރަޖިސްޓްރީވުމަށް ހުށަހެޅުން

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެންނެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނޭ ކަމަށް އީސީން ވިދާޅުވެފައިވެއެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ރީ-ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުން

ރަޖިސްޓަރީ ވުމަށް ފޯމު މެދުވެރިކޮށް ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނޭ ކަމަށްވެސް އީސީން ކުރައްވާފައިވާ އިޢުލާނެއްގައި ވެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ.

ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2023 މޭ 09 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2023 މޭ 13 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއިން ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.