ގއ. ގެމަނަފުށީގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ.

ގެމަނަފުށީ ކައުންސިލާއި، އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުލަބްޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ ކުޑަކުދިންގެ މި ހަވީރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ޔުނިސެފްގެ ރެޕްރެޒެންޓިވް ޑރ. އެޑްވަރޑް އެޑީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ މި ހަވީރުގައި ފުލުހުންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހާއި، ގއ. ގެމަނަފުށީ ސްކޫލާއި ސަރުކާރު އޮފީސްތަކާއި ގެނަމަފުށީގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ސްޓޯލްތައް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ހަވީރުގައި ގެމަނަފުށީގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ކުދިންނާއެކު އުފާވެރި ކަމުގެ ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ގެމަނަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފް މޯލްޑިވްސްއިން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދައްކާލުމަށް ގެމަނަފުށީ ސްކޫލުގައި ހުޅުވާފައިވާ އާރޓް އެގްޒިބިޝަނަށް ޒިޔާރަތްކުރައްވައި ދަރިވަރުންގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.