ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއަން އޯޝަން ކޮންފަރެންސްގެ ހަވަނަ ބައްދަލުވުމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިއީ މޭ މަހުގެ ބާރައިން ތޭރައަށް ކުރިއަށް ކުރިއަދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށްދަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

ކޮންފަރެންސްގައި ނާއިބު ރައީސް ފައިސަލް ވިދާޅުވީ އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ކުރެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައް ކަމުގައެވެ.

މިކޮންފަރެންސްގެ ޝިޢާރަކީ "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" އެވެ. މި ޝިޢާރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީބަދަލުތައް އިޚްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާ ކަމުގައިވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ވިސްނަވާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާއި، އިންސާނީ ވަގުފާރިއާއި، ޤާނޫނާ ޚިލާފަށް ކުރާ ހިޖުރައާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާއި، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ހިމެނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލު ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރު ބޮޑަށް ކުރާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.