20 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމުގެ މަޝްވަރާތައް ފަށައި އެ ރަށްތަކުގައި އެ ނިޒާމު ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކޮށްފިއެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި، ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް (އޭޑީބީ)އާ ގުޅިގެން 'އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަޖީ (އެޝުއަ)' މަޝްރޫއު ހިންގުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އަވިން ކަރަންޓް އުފައްދާ ނިޒާމު ގާއިމު ކުރާނީ ބީލަން ކާމިޔާބު ކުރާ ފަރާތުގެ އަމިއްލަ ހަރަދުގައެވެ. އަދި އެ ފަރާތުގެ ތަކެތީގައި އެ ފަރާތަކުން އެ ނިޒާމުތައް ވަކި މުއްދަތަކަށް ހިންގައި ބަލަހައްޓަން ޖެހޭނެއެވެ. އަދި މި މުއްދަތަށް ފަހު ސަރުކާރުން އެ ނިޒާމުތަކާ ހަވާލުވާނެ އެވެ. ނަމަވެސް، މިނިސްޓްރީން، މި މަޝްރޫއުގައި ހިމެނޭ ރަށްތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް 3,000ރ. ނުވަތަ 200 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ އެވެ. ރަޖިސްޓަރީ ކުރުމަށް ދައްކާ ފީ އަނބުރާ ނުލިބޭނެއެވެ. ފައިސާ ބަލައި ގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން 10 އޮގަސްޓަށް ފިނޭންސް މިިނިސްޓްރީގެ ބަނޑޭރި ޕޭ ޕޯޓަކް މެދުވެރިކޮށް ކަމަށް ވަނީ އަންގާފަައެވެ. މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 500,000 ޑޮލަރު ނުވަތަ އެ އަދަދަށް ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 180 ދުވަހެވެ.

14 އޮގަސްޓްގެ ހެނދުނު 11ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ބީލަން ހުށަހެޅޭނެއެވެ.