މިދިޔަ މަހު މޯލްޑިވްސް އިލަންޑަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީގެ %64.5 ހިއްސާ ކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް އެއިދާރާއިން ނެރެނުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ 1.86 ބިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން ޖީއެސްޓީގެ ގޮތުގައި 1.20 ބިލިޔަން ރުފިޔާ މިރާއަށް ލިބުނެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައި ވަނީ އާމްދަނީއިން ނަގާ ޓެކުހުންނެވެ. 176.67 މިލިޔަން ރުފިޔާއެވެ. އިންސައްތައިން ބަލާނަމަ މިއީ މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ 9.5 އިންސައްތައެވެ.

ދުނިޔޭގެ ފެންވަރުގެ އެތައް ރެޒޯޓެއް ހިންގަމުން އަންނައިރު ރެޒޯޓް ކުލީގެ ގޮތުގައި މީރާއަށް މިދިޔަ މަހު ލިބުނީ 116.49 މިލިޔަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 94.92 މިލިއަން ރުފިޔާ ލިބުނުއިރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 75.14 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.56 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.