80 އިގެ އަހަރުތައް ނިމި 90 އަށް ފެށިގެން އައި އިރުވެސް ތުއްތު ކުދިންނަށް އެންމެ ފައިދާ ހުރި ކާއެއްޗަކަށް ތަޖުރިބާ ހުރި މާމަމެން، ހަރުފުރައިގެ އުމުރުގެ މީހުން ބުނެދެނީ ހިއްތަލަފުށާއި ގޮދަންފުށްފަދަ ފުށުން ތައްޔާރު ކުރާ "ބަކުން"އެކެވެ. 6މަސް ވަންދެން ގާތުން ކިރުދީ ނިންމާލުމަށްފަހު ތުއްތު ދަރިފުޅަށް ކާންދޭން ފެށުމަށްފަހު ގަވާއިދުން ސަމާލުކަން ދީގެން ގަޑިހަމަކޮށް ދަރިފުޅަށް ހުރިހާ ވައްތަރެއްގެ ނިއުޓްރިޝަންސް ލިބޭ ކަހަލަ ކާއެއްޗެހި ދޭން ކޮންމެ މަޔަކުވެސް ސަމާލުކަންދޭނެއެވެ.

ޒަމާން ބަދަލުވެ ހެއިންޒާއި ޕިއުރިޓީ އަދި އެކިކަހަލަ ސީރިއަލް، ނެސްޓަމް ފަދަ ޕެކެޓު، ފުޅި ދަޅު ތަކާ ހަމައަށް އައިސްފައި ވަނިކޮށް ދިވެހިންގެ ތެރެއަށް، ކޮންމެވެސް ފަރާތަކުން، ގޭގައި ތައްޔާރު ކުރާ "ބޭބީ ސީރިއަލް" ނުވަތަ ބަކުން ތައާރަފްކޮށްދީފިއެވެ. ވިސްނުންތަކާއި ހޯދުންތަކަކަށްފަހު ތަޖުރިބާކޮށް ތަހުލޯ÷ ކޮށް، ޓެސްޓުތަކެއް ކުރުމަށްފަހު، މި "ހޯމްމޭޑް ސީރިއަލް" ނުވަތަ "ބަކުން" ތއްޔާރު ކުރުމަކީފަސޭހަ ކަމެއްވެސް ނޫނެވެ، އަދި ކުޑަކުޑަ އާދައިގެ ކަމެއްވެސް ނޫނެވެ.

އދ ހަންޏާމީދޫ، ނުޒުހާ ނައީމު، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މިމަސައްކަތް ފެށިއިރު، ކާމިޔާބު ވެދާނެ ކަމުގެ އުންމީދު ބޮޑެވެ. އެހެންނަމަވެސް ނުޒުހާ ފެށި މަސައްކަތަކީ ގޮންޖެހުމާއި އުނދަގޫތައް ބޮޑު ކަމެކެވެ. އަމުދުން، އޭނާގެ ފަހަތުން އެކަން އާލާކޮށް ދިރުވާނެ އެހެން ބަޔަކު ނުކުމެދާނެ ކަމަކަށް ނުޒޫ ހިއެއް ނުކުރެއެވެ. އެކަމަކު އެއްކަމެއް ޔަގީނެވެ. އޭރުވެސް ނުޒޫގެ ހުވަފެންތަކާއި އުންމީދުތައް ވަރަށް ވެސް ތަނަވަސްވެފައި ވަރުގަދައެވެ.

ރާއްޖޭގައި އޭރު އެއްވެސް ބަޔަކު ނުދޭ ހިދުމަތެއް އަލަށް ދޭން ފެށުމުން ޖޯޝުގައި ނުޒޫ ފެށި ހޯމްމޭޑް ސީރިއަލް ނުވަތަ ބަކުން ތައްޔާރު ކުރުމުގައި އޭނާގެ ނަން ތާރީހުގައި ވަނީ ލިޔެވިފައެވެ. އަދި މިހާރު އެކި ތަފާތު ނަންނަމުގައި ކުޑަކުދިންގެ ބަކުން ތައްޔާރު ކުރާ އަންހެނުން މަދެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް މިހާރު މިމަސައްކަތް ކުރާ އަންހެނުން އެބަތިއްބެވެ.

މިހާރުވެސް ހިންގަމުން އަންނަ، ފޭސްބުކް ޕޭޖު ހުޅުވައިގެން 2019 ވަނަ އަހަރު ނުޒޫ މަސައްކަތް ފުޅާ ކުރީ، މިއަދު ނުޒޫ އެހުރި ހިސާބަށް އާދެވިދާނެކަމުގެ މާބޮޑު އަލިމަގެއް ފެންނަން ނެތަސް ހިތުގައި އޮތް ވަރުގަދަ އަޒުމުގައެވެ. އަދި ހަމައެހެންމެ މިކަމަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެތައް ތަފާތު ވައްތަރެއްގެ ކުޑަކުދިންގެ ކާނާ ނުޒޫ ވަނީ ތައްޔާރުކޮށްފައެވެ. އަދި އެތަކެއްޗަށް އޯޑަރު ދިނުމުން ނުޒޫ އެކަނިމާއެކަނި ޑެލިވަރީ ކުރަމުން ދިޔައީ ކިތަންމެ ދަތިކޮށް ކުރަން ޖެހުނަސް ފޫހިކަމެއް ނެތިއެވެ.

އޭގެ އަހަރުތަކެއް ފަހުން މިހާރު ނުޒޫ މިވަނީ މުޅިން ތަފާތު އައު "ޕްރޮޑަކްޓް"އެއް އީޖާދުކޮށްފައެވެ. އަދި މިހާތަނަށް ދިވެއްސަކު ތައްޔާރުކޮށްފައި ނުވާފަދަ، މޮޅު އަދި ތަފާތު މި ފުށަކީ ސިއްހަތަށް ސަައްތައިން ސައްތަ ފައިދާ ކުރުވަނިވި، ފުށެކެވެ. ނުޒޫ މި އުފެއްދުން ތައްޔާރު ކުރީ ހަމަ ހުރެފައެއް ނޫނެވެ. މިއީ ދިގު ވިޔަސް އަސަރު ހުރި ވާހަކައެއްވެސް މެއެވެ.

ނުޒޫ ކިޔައިދިން ގޮތުގައި ވޭތުވެދިޔަ 5 ވަރަކަށް އަހަރުތެރޭގައި ވަރަށް ގިނަ މަންމައިންނާ ގާތްކަން އުފެދި އެކުވެރިކަން ބަދަހިވިއެވެ. ދަރީންގެ ކެއުމުން ފެށިގެން، ދިރިއުޅުމުގެ އެކިއެކި ކަންކަން ހިއްސާކުރާ މަންމައިންވެސް ނުހަނު ގިނައެވެ. މި ގޮތަށް ދެކެވޭ ވާހަަކަތަކުން، ނުޒޫއަށް އިޙުސާސްވެގެން ދިޔަ އެންމެ ބޮޑު ކަމަކީ ނުޒޫވެސް ހިމެނޭހެން ހުރިހާ މަންމައިންނަކީވެސް، އަމިއްލަ ނަފުސު މަތިން ހަނދާން ނައްތާލާފައިވާ ބައެއްކަމެވެ.

"ދަރިންނާއި ޢާއިލާއަށްޓަކައި ކިތަންމެ ބޮޑު ބުރައެއް އުފުލަން ތައްޔާރަށް ތިބިނަމަވެސް އަމިއްލަ ސިއްހަތަށް ކަމެއް ކޮށްލާނެ، އަދި އަމިއްލަ ނަފުސަށްޓަކައި ކަމެއް ކޮށްލަން، އަޅުގަނޑުމެން މަންމައިންނަކަށް ވަގުތު ނުލިބޭ،"
ނުޒުހާ ނައީމް(ނުޒޫ)

ނުޒޫ ކިޔައިދިނީ ހަގީގަތުގައިވެސް އެކަން އޮތް ގޮތުގެ ވާހަކައެވެ. ބައެއް މީހުން ބުނެއެވެ. ވަޒީފާއަކަށް ނުގޮސް ގޭގައި ތިބޭއަންހެނުންނަށް ބުރަވާން، ވަގުތު ނުވާންވީ ކީއްވެހެއްޔެވެ. އެކަމަކުހަގީގަތުގައި ގޭގައި ކުދިންކޮޅު ބަލައި ތަރުބިއްޔަތު ކުރަން ތިބޭ މަންމައިންނަކީ އަމިއްލަ ނަފުސަށްވެސް އަޅާނުލައި ގުރުބާންވާ ބައެކެވެ.

ނުޒޫގެ "މެރަނާ ކަމަނަ" އަކީ އާދައިގެ ޕޭޖެއް ނޫނެވެ. މި "މެރަނާ ކަމަނަ"ގެ ފުރަތަމަ ތިން އުފެއްދުމަކީ ސިއްހަތަށް ފައިދާ ހުރި ހުރިހާ ބާވަތެެއް ހިމަނައިގެން ނުޒޫ ތައްޔާރު ކުރި ބާވަތެކެވެ.

"ފުށް ތައްޔާރުކުރަން ވިސްނި މައިގަނޑު ސަބަބަކީ ފުށަކީ އަޅުގަނޑުމެންގެ ކެއުމުގައި ވަރަށް ފަސޭހައިން ގިނަ ގޮތްގޮތަށް ބޭނުން ކޮށްލެވޭނެ ބާވަތަކަށް ވާތީ. ގޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށްވެސް މި ފުށް ބޭނުންކުރެވޭނެ. މި ތައްޔާރު ކުރުމުގައި އެންމެ ބޮޑަށް ސަމާލުކަމެއް ދީފައިވާނީ އާޓާފުށް ނުވަތަ އާދައިގެ ފުށާއި އެއްކޮށްލައިގެން، ހަރަދު ކުޑަގޮތަކަށް ބޭނުންކޮށްލެވޭނެ ގޮތަކަށް،"

ނުޒޫ "ހަލި" ނޫހަށް އޭނާގެ "މެރަނާ ކަމަނަ"ގެ ވާހަކަ ކިޔައިދެމުން ބުނި ގޮތުގައި މިތިން އުފެއްދުން ހާއްސަވާ ކިތަންމެ ސަބަބެއް އެބައޮތެވެ. ނަމުގެ ހާއްސަކަންވެސް ވަކިކުޑައެއްނޫނެވެ.

"މެރަނާ ކަމަނަ: މާނައަކީ ދުޅަހެޔޮ، ޞިއްހަތު ރަނގަޅު އަންހެނާ،" ނަމާ އެއްގޮތަށް މިއީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށްވެސް އެކަށީގެންވާ ފަދަ ގޮތަކަށް އުފައްދާފައިވާ ބާވަތްތަކެއް،"
ނުޒޫ

ތަފާތު އެކި ރަހައަށް ތައްޔާރުކޮށްފައިވާ 3 ބާވަތުގެ ނަމާއި ހާއްސަކަމަކީ ކޮބައިތޯ ނުޒޫ ބުނެދިނެވެ.

"މި ޕޭޖުގެ އެންމެ ފުރަތަމަ އުފެއްދުން "އައިސަ" ހާއްސަކޮށްފައި ވަނީ، އަޅުގަނޑު އެ އިންސާނެއްދެކެ އެންމެ ލޯބިވާ އެކަކު ކަމުގައިވާ އަޅުގަނޑުގެ ނިޔާވެފައިވާ މާމައަށް،"
ނުޒޫ

"މި އުފެއްދުމަށް ނަން ދީފައި މިވަނީ އަޅުގަނޑުގެ މަރުހޫމް ލޮބުވެތި މާމަގެ ނަމުން، ( މާތް ﷲ މާމަގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި.. آمیـــــــــــــن یارب العالمين )"

"އައިސަ"

  • ތަފާތު ވައްތަރުގެ ބަދަނާއި، އޮށް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނުހަނު ފައިދާހުރި މީރު ފުށެއް.
  • ޕްރޮޓީންއާއި ސިއްހަތަށް ފައިދާކުރަނަވި ފެޓްސްއިން މުއްސަނދިވެފައިވާ މި ފުށް ތަފާތު އެކި ގޮތްގޮތަށް ބޭނުން ކޮށްލެވިދާނެ.
  • މި ފުށަކީ އުމުރުންދުވަސްވީ މީހުންގެ ކެއުމުގައި ބޭނުންކޮށްލަންވެސް ނުހަނު ފުރިހަމަ ބާވަތެއް.

"ހިޔަލަ"

  • ތަފާތު ބާވަތުގެ ގޮވާން ( ހޯލްގުރެއިން ) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފުށެއް.
  • އާދައިގެ ހުދު ފުށަށްވުރެން ވިޓަމިންސް، މިނަރަލްސް އަދި ފައިބަރއިން މުއްސަނދިވެފައިވާ މި ފުށަކީ ގޮވާމުގެ ހުރިހާބައެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވަރަށް މީރު އަދި ތަފާތު ގިނަ ގޮތްގޮތަށް ބޭނުންކޮށްލެވޭނެ ބާވަތެއް

"ރެހެންދި"

  • ތަފާތު ވައްތަރުގެ މުގު، ބީންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕުރޮޓީނޫން މުއްސަނދިވެފައިވާ ފުށެއް.
  • ތަފާތު މުގު، ބީންސް ކެއުމުގައި ހިމަނާލަން ނުހަނު ފަސޭހަވެގެންދާނެ އުފެއްދުމެއް.

ތަފާތު ގޮތްގޮތަށް މި ފުށް ބޭނުން ކުރެވިދާނެއެވެ. ރޮށި ފިހަން، ފޮޅި ފިހަން، މޭވާ ނުވަތަ ކަދުރު ފަދަ ބާވަތް ބޭނުންކޮށްގެން ފޮނިކޮށް ރޮށި ނުވަތަ ޕޭންކޭކު ތައްޔާރުކުރަން ވެސް ބޭނުން ކުރެވިދާނެއެވެ. ކޭކު، ކަޕްކޭކު އަޅަން ނުވަތަ ބިސްގަނޑު އަޅާއިރުވެސް ބޭނުން ކުރެވޭނެއެވެ. ޕިއްޒާ ނުވަތަ ހެދިކާ ފަދަ ބާވަތްތަކުގެ ފުށްގަނޑު ތައްޔާރު ކޮށްލަން ވެސް ހަމަ ބަރާބަރު ވާނެއެވެ.

ތުނިކޮށް ފެން ފޮޅިގޮތަށް ފިހެލާފައި އެތެރެޔަށް ބޭނުން ބާވަތެއްގެ މަސް، ތަރުކާރީ ލުމަށްފަހު ރޯލްވެސް ހެދިދާނެއެވެ. ފުށުގެ ތެރެޔަށް ތަރުކާރީ ގާނާފައި ނުވަތަ އާވިން ކައްކާފައި އަޅައިގެން ފަރާޓާ ގޮތަށްވެސް ފިހެލެވިދާނެއެވެ.

އަދި މި ނޫނަސްވެސް ތަފާތު ގޮތްގޮތަށް ބޭނުން ކުރެވިދާނެއެވެ.

މި ފުށްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ފައިދާހުރި މީރު ބާވަތްތަކުގެ ރެސިޕީވެސް، ޕޭޖު މެދުވެރިކޮށް ލިބެމުންދާނެއެވެ. އަދި މުސްތަޤުބަލުގައި "މެރަނާ ކަމަނަ" މެދުވެރިކޮށް ސިއްހަތަށް ފައިދާހުރި އެހެނިހެން ބާވަތްތައްވެސް ލިބިގެންދާނެ ކަމަށް ނުޒޫ ވަނީ އުންމީދުގެ ޔަގީންކަމެއް ދީފައެވެ..

"މެރަނާ ކަމަނަ" އަކީ ނުޒޫ ހެޔޮހިތުން ހިތުގެ އެންމެ ފުންމިނުން ހެޔޮދުއާ އާއެކު ދިވެހި މުޖުތަމައަށް ދޫކޮށްފައިވާ ހަދިޔާއެކެވެ. އުފެއްދުންތަކުގެ ފެންވަރާއި ކޮށްފައިވާ ހަރަދާ އަޅާބަލާއިރު މި 3 ބާވަތުގެ ފުށުގެ އަގު ބޮޑެއް ނޫނެވެ. ނުޒޫގެ އުންމީދަކީ އަދި އެދުމަކީވެސް މި އުފެއްދުމުން މި މުޖުތަމައަށް ރަނގަޅު ފައިދާއެއް ކުރުމެވެ. އަދި މި އުފެއްދުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެ ފަރާތަކުން ވެސް ކުރާ އުންމީދަށް އެހީއަކަށްވުމެވެ.

ނުޒޫގެ "ހޯމްމޭޑް ބޭބީ ސީރިއަލް" އިން ފެށި ދަތުރު މިވަނީ "މެެރަނާ ކަމަނަ"އާ ހަމައަށް އައިސްފައެވެ. މިދަތުރު އަދި ދިގުލާފައި ވަނީ ކޮންކޮން މަންޒިލްތަކަކަށް ކަމެއް އަޅުގަނޑަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް ނުޒޫގެ މިހިތްވަރާއި މަސައްކަތްތަކަށް ފަށްފަށުން ސާބަހާއެކު ހަލިޓީމު އެދެނީ އަބަދުވެސް ނުޒޫއަށް ފަހި ފެހިކަން ގަދަ އުޖާލާ އަދި ކާމިޔާބު މުސްތަގުބަލެއް ލިބުމެވެ.