އާއިލީ ގުޅުން ބަދަހި ކުރުމަށް ރާވާފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް "ގެވެށި ގުޅުން ކެމްޕެއިން"ގެ ހަރަކާތްތައް އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ 358 ފެސިލިޓޭޓަރުން ތަމްރީނުކޮށްފި އެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕޮރޮގްރާމް ވަނީ ހިންގާފައެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކުން ދެ މީހަކު ވަނީ ބައިވެރި ކޮށްފައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާ ބެހޭގޮތުން އޮޅުންފިލުވައިދީފައިވެއެވެ. އަދި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރު ކޮށްދެވުނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން ފެސިލިޓޭޓަރުން ތަމްރީނު ކުރުމަށް ދާ މި ޕްރޮގްރާމް ތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ ގެވެށި އަނިޔާ އަދި އާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ވެފައިވާ ފެސިލިޓޭޓަރުން ތިބުމެވެ. އެހެން ކަމުން ޕްރޮގްރާމްތައް ނުހިންގި ހުރި ހުރިހާ ރަށެއްގައިވެސް ޖޫން މަސް ނިމުމުގެ ކުރިން ފެސިލިޓޭޓަރުން ތަމްރީނުކޮށް ނިމޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބަޖެޓުންނާއި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ފަންޑުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ވަނީ ތައްޔާރު ކޮށްފައެވެ.