އެމްޑީޕީގެ ވާހަކަތައް އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި ކަމަށާ އަލުން އެކަން ފަށާނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަންކަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމުން ކަމަށް ބުނެ އެކަމަށް ޝަރުތުކުރި ކަމަށް ޕީއެންސީގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ދެކޮޅަށް އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީގެ އިސް ބޭފުޅުން ރާއްޖެއަށް ބޭރަށް ވަޑައިގެން ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ގޮތަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މަސްވެރިންނަށް އިތުރު ގޮތްތަކެއް ރައީސް ޔާމީން ހޯއްދެއްވުމަށް ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށް ރާއްޖޭގެ މަސް ޗައިނާގެ މާކެޓަށް ވިއްކޭނެ ގޮތް ކުރީ ސަރުކާރުން ހަމަޖެއްސި ކަމަށްވެސް ވިދާޅުވިއެވެ.

މިފްކޯ ހާލުގައި ޖެހިގެނެއް ނޫން ދިވެހި މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން މި އުޅެނީއެއް. ދިވެހި މަސްވެރިން ހާލުގައި ޖެއްސީ މިއަދު ވެރިކަމުގައި މިތިބަ މީހުން
އަދުރޭ

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނާ ޖަލުން ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތް ކަމުގައެވެ. އަދި އެ ފުރުޞަތުގައި ރައީސް ޔާމީން ސުވާލުކުރެއްވީ ޤައުމުގެ ޙާލަތާ ގުޅޭ ގޮތުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން ބޭސްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށް ކަމަށެވެ. އަދި އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގެ އިސްލާމީ ވަޙުދަތާއި ޤައުމުގެ މިނިވަންކަން އޮތް ޙާލަތާ ގުޅިގެން ކަމުގައެވެ. އަދި ރާއްޖޭގެ އިޤުތިޞާދު މިހާރު އޮތް ޙާލަތާމެދުގައި ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.