ފުއްގިރި ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ވެސް މިރޭ ޔާމީނާ ދެކޮޅަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅީ ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށާއި ދައުލަތުގެ ސިއްރު ހެކިތަކެއް ހާމަކޮށް ދިނުމަށެވެ.
މިދިޔަ ފެބްރުއަރީ މަހު، ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ ނަދީމް އެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމެވިއެވެ. ކްރިމިނަލް ކޯޓުގެ މި ނިންމެވުމާ ހިތްހަމަނުޖެހިގެން، ޔާމީންގެ ފަރާތުން ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ.
ސްޕްރީމް ކޯޓުގައި، މި މައްސަލައިގައި ހުކުމް ކުރުމަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި، މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ނިންމެވީ، ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.
ރައިސް ޔާމީނަކީ ކާކު ކަން ދިވެހި ރައްޔިތުންނަށް އެނގޭ. ވަގެއް ވާނީ ވަގަކަށް، ކައިރީގައި ތިބި މީހުންނަށް ވަސްވެސް ނުދުއްވާ ކާލީ އެއްކޮށް ދެރަކަމެއްދޯ