ލެސްޓަރ ސިޓީ 3-0 އިން ބަލިކޮށް ގަދަ ހަތަރުން ޖާގަ ހޯދައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ލިވަޕޫލުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ފަހަތުން ވިއްދައިފިއެވެ.

ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗުގައި ލިވަޕޫލްއިން ކާމިޔާބު ކުރި ތިންލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ ޒުވާން މިޑްފީލްޑަރު ކޯޓިސް ޖޯންސެވެ. އަނެއް ލަނޑު ޖެހީ ކުރިން ޑިފެންޑަރަކަށް ކުޅުމަށްފަހު މިހާރު މިޑްފީލްޑަރެއްގެ ރޯލުން ފެންނަމުން އަންނަ އެލެގްޒެންޑާ އާނޯލްޑެވެ.

މިމޮޅާއެކު ތާވަލުގެ 5 ވަނައިގައި ލިވަޕޫލް އޮތީ 65 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ޔުނައިޓެޑް އޮތީ 66 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑަށްވުރެ އިތުރަށް އެއްޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ނިއުކާސަލްއެވެ. ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ ފުރުސަތު ލިވަޕޫލަށްވުރެ އަދިވެސް ބޮޑީ ޔުނައިޓެޑަށާއި ނިއުކާސަލްއަށެވެ. ލިވަޕޫލަށް ލީގުގައި ބާކީ 2 މެޗް އޮތްއިރު ޔުނައިޓެޑާއި ނިއުކާސަލްއަށް 3 މެޗް އެބައޮތެވެ.

ލިވަޕޫލަށް ބާކީ އޮތީ އެސްޓަންވިލާ އާއި ސައުތެމްޓަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މީގެ ތެރެއިން ސައުތެމްޓަން ޕްރިމިއަރ ލީގުން ޗެމްޕިއަންޝިޕަށް އޮތީ ރެލިގޭޓްވެފައެވެ. މިސީޒަނުގެ މެދަކާ ހިސާބުން ފެށިގެން ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ އެސްޓަންވިލާއިން ވަނީ 2020 ވަނަ އަހަރު ލީގުގައި ލިވަޕޫލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 7-2 ގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ.