މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރިމައްސަލައިގައި، އެ ޕާޓީން ވަކި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވިދާޅުވެއްޖެއެވެ.

އަދި އަލުން އެމްޑީޕީއަށް ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު ޕާޓީއަށް ވަންނަން އެދޭ ފޯމު ހުށައެޅުއްވުމުން ކަމަށްވެސް އެ ކޮމެޓީއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެ ކޮމިޓީގެ ނިންމުމުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި އޭނާއަށް، 1 އަހަރު ފަހުން އާޒިމަށް އަލުން އެމްޑީޕީއަށް ވަދެވުނު ނަމަވެސް ވާދައެއް ނުކުރެވޭނެކަމަށެވެ.

އަލީ އާޒިމަށް ފިޔަވަޅު އަޅަން ހުށަހެޅީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

ތަކުރާރުކޮށް، ވިޕްލައިނާ ޚިލާފުވެފައިވާތީ ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕުން އެދިފައިވާ އަނެއް ހަތަރު މެމްބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.