ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވި މައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފިއެވެ.

ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުގުނީ، އޭނާގެ އަމިއްލަ ޓުވިޓާ އެކައުންޓުން ރައީސަކީ "ވަގެއް" ކަމަށް ވިދާޅުވެ، ޓުވީޓު ކުރެއްވި މައްސަލަ ދިމާވީ މިދިޔަ ހޯމަ ދުވަހު އެވެ. މުގުނީގެ މިޓުވީޓާ ގުޅިގެން ރައީސް އޮފީހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.

ރައީސް ސޯލިހަށް ވަގަށް ގޮވައި މުގުނީ ކުރި ޓުވީޓުގެ މައްސަލައިގައި މީގެ ދެ ދުވަސްކުރިން މުގުނީ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރި ވެފައެވެ.

އަދި އެ މައްސަލައިގައި މުގުނީ ވަނީ ސްޓޭޓް މިނިސްޓަރުކަމުން މިއަދު ވަކިކޮށްފައެވެ.

މުޣުނީ މަގާމުން ވަކިކުރި ސަބަބު ހާމަނުކުރި ނަމަވެސް، މުގުނީ މަގާމުން ވަކިކުރީ އެ ޓުވީޓާއެކު ސިޔާސީ މުވައްޒަފުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑާ އޭނާ ހިލާފުވެފައިވާ ކަމަށް ނިންމާފައިކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މުޣުނީގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވަނީ "ހިންނަވަރު ވަގު އިބްރާހީމް ލީޑްކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް ނެތް ކޮރަޕްޓް ވަގު މީހުންގެ ޓީމަކާއެކީ" ކަމަށެވެ. އެގޮތުން, ސަރުކާރު ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް އެ ތުހުމަތު އަޅުއްވާފައިވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވުމަށްފަހު، ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވި މުޣުނީ ވަނީ އެ ޓްވީޓު ޑިލީޓު ކުރައްވައިފައެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މުޣުނީގެ އެކައުންޓުން ކުރެއްވި ޓްވީޓަކަށްވި ނަމަވެސް އެއީ, އޭނާ ކުރެއްވި ޓްވީޓެއް ކަމަށް އޭނާ އިންކާރު ކުރައްވައެވެ.