އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްވެ ހުންނަވާ އުފައްދަވާ އައު ސިޔާސީ ޕާޓީއަށް ނަމާއި ލޯގޯ އާއި ކުލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

''ފިކުރެއްގެ ދިރުން" މިނަމުގައި، މިހާރު ހިންގަމުން އަންނަ ސިޔާސީ ހަރަކާތުން، ޕާޓީއެއް އުފައްދަން ނިންމާފައިވާ އިޢުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފިކުރެއްގެ ދިރުމުން ހަދަން ގަސްތުކުރާ ސިޔާސީ ޕާޓީއަށް ނަމާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައިވާއިރު، އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 ކުރިން ނަމާއި ލޯގޯ ހުށަހެޅުމަށް ވަނީ ހުޅުވައިލައިފައެވެ.

މީގެއިތުރުން، މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައި އެ މަނިކުފާނު ގެންދަވަނީ އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ. އަދި ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވާ 13 މަޖިލިސް މެންބަރަކު މިދިޔަ ހަފުތާގައި އެމްޑީޕީން ވަނީ ވަކިވެފައެވެ.

ފިކުރެއްގެ ދިރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ގ. ބޮޑުފެންވަޅުގޭގައެވެ.