ޕާކިސްތާނުގައި ހަތިޔާރުއެޅި ބަޔަކު ބަޑިން ހަމަލާދީ ސިފައިންގެ 7 މީހުން މަރާލައިފިއެވެ.

ހަތިޔާރުއެޅި މީހުން ބަޑިން ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ދެކުނުހުޅަނގު ބަލޫޗިސްތާން ޕްރޮވިންސްގެ ހަރްނާއި ޑިސްޓްރިކްޓްގައި ހުރި ފްރަންޓިއަރ ކޯރޕްސް ސިފައިންގެ ޕޯސްޓަކަށެވެ.

މިކަން، ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގް – އިންޓަރ ސަރވިސަސް ރިލޭޝަންސްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ހަތިޔާރުއެޅި ގްރޫޕްގެ މީހުން ސިފައިންގެ ޕޯސްޓަށް ހަމަލާދޭން ފެށުމުން ސިފައިންވެސް ރައްދު ހަމަލާދިން ކަމަށާއި، ދެ ފަރާތުން ބަދަލުކުރި ހަމަލާގެ ތެރޭގައި ސިފައިންގެ 7 މީހުން މަރުވި ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ނަމަވެސް، ޕާކިސްތާނު ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވެފައިވަނީ، މި ހަމަލާތަކުގައި ސިފައިންގެ 6 މީހުންނާއި، ޕްރައިވެޓް 2 ގާޑުން މަރުވި ކަމަށެވެ. އަދި ސިފައިންގެ އިތުރު 6 މީހުން ޒަޚަމްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިފައިންގެ ޕޯސްޓުގައި ތިބި މީހުންނަށް އެހީތެރިވުމަށް އެހެން ހިސާބަކުން އައި ސިފައިން އައުމުގެކުރިން، އެތަނަށް ހަމަލާދިން ހަތިޔާރުއެޅި މީހުންވަނީ ފަރުބަދަތައް މައްޗަށް އަރައިގެންގޮސް ފިލާފައެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ބަލޫޗިސްތާނުގައި މީގެކުރިންވެސް ސިފައިންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދީފައި ވެއެވެ. އެފަދަ ހަމަލާތައް ކުރިން ދީފައިވަނީ ބަލޫޗިސްތާނުގައި ވަކިވެގަތުމަށް ހަނގުރާމަކުރާ ޖަމާއަތްތަކުންނެވެ.

ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެބޮޑު ޕްރޮވިންސެވެ. އެ ޕްރޮވިންސް، އަފްޣާނިސްތާނުގެ އިތުރުން އީރާނާވެސް ބޯޑަރު ހިއްސާ ކުރެއެވެ. ބަލޫޗިސްތާނަކީ ވަރަށް ނާޒުކު ހާލަތުގައި އަބަދުވެސް އޮންނަ ޕްރޮވިންސެކެވެ.