މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީއިން ފަރުވާ ނަގަމުންދާ އަދި ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް، ވަޒީފާތަކަށް އަހުލުވެރިކުރުމުގެ ގޮތުން ފަންނީ އަދި އިލްމީ ހުނަރު އިތުރު ކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް(ކޯސްތަކެއް) ކުރިއަށް ގެންދަން ނިންމާފައިވާކަމަށާއި ޕޮލިޓެކްނިކުން ލިބެންހުރި ތަމްރީނުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް އޯޕަންޑޭ އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން މިހާރު ކުރިއަށް ގެންދާ އެކި ކަހަލަ ތަމްރީނު ކޯސްތަކުގެ ތެރެއިން ކްލައިންޓުން ޝައުގުވެރިވާ އަދި ބޭނުންވާ ކޯސްތަކެއްގައި ބައިވެރިކޮށްގެން އެފަރާތްތައް ވަޒީފާތަކަށް އަހުލުވެރިކުރުވުމާއި އަދި ވަޒީފާތަކަށް ގާބިލު ފަރާތްތަކަށް ހެދުމަށް އެންޑީއޭ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިމަހުގެ 23 ވާ އަަންގާރަ ދުވަހު(މާދަމާ) ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި "އޯޕަންޑޭ" އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެންޑީއޭ އިން ބުނެއެވެ. މި އޯޕަންޑޭ ގައި ކްލައިންޓުން ބޭނުންވަނީ ކޮންކަހަލަ ތަމްރީނުތަކެއްތޯ އަދި ކޮންކަހަލަ ހުނަރުތަކެއްތޯ އެކްލައިންޓުން އަމިއްލައަށް އިހްތިޔާރު ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށާއި މިވަގުތު ޕޮލިޓެކްނިކުން ކުރިއަށް ގެންދާ ހުރިހާ ތަމްރީނުޕްރޮގްރާމްތަކެއްގެ މައުލޫމާތު ދޭނެ ކަމަށް އެންޑީއޭ އިން ހާމަކުރެއެވެ.
މިތަމްރީނުޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ކޮންމެ ކްލައިންޓަކަށްވެސް ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށާއި ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ބޭނުންވާ އިލްމާއި ހުނަރު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް އެންޑީއޭ އިން ދަނީ ކުރެވެން އޮތް ހުރިހާ ގޮތަކަށް މަސައްކަތް ކުރަމުން ކަމަށް ހާމަކޮށްފައިވާއިރު މިކަމަކީ ގިނަ ކްލައިންޓުންގެ ޝައުގުވެރިކަން ލިބިފައިވާ ކަމެއްކަމަށް ވެއެވެ.
ދިވެހިރާއްޖެއަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ގައުމަކަށްވެފައި މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމުގައި ނޭޝަނަލް ޑްރަގް އެޖެންސީއިން ފަހަކަށް އައިސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން، ފަރުވާގެ ޕްރޮގްރާމްތަކާއި އަދި ފަރުވާ ނިންމުމަށްފަހު މުޖުތަމައަށް ނުކުންނަ ފަރާތްތަކަށް ވެސް އެހީތެރިވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަކޮށް ފާހަގަ ވާ އެއްކަމަކީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސްއެވެ.
މީގެ ކުރިން ފަރުވާ ނިންމާލުމަށްފަހު ފިރިހެން ކްލައިންޓުންނަށް ކޮމިއުނިޓީގެ ފަރުވާ ނިމެންދެން ރިހެބިލިޓޭޝަން ސެންޓަރުގައި މަޑުކުރެވުނަސް އަންހެންކްލައިންޓުންނަށް މި އާފްޓާކެއާގެ ފުރުސަތެއް ނޯވެއެވެ. އެހެންނަމަވެސް ހުޅުމާލޭގައި މިހުޅުވުނު ހާފްވޭހައުސްގައި އަންހެންކްލައިންޓުންނަށް އާފްޓާކެއާ ގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އެންޑީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި ދާދިފަހުން ހާފްވޭހައުސްގައި ފަރުވާގައި ތިބި އަންހެންކްލައިންޓުންނަށް ވަނީ މިނާއިން ގަހަނާ ހެދުމާއި ކަލިނަރީ ކްލާސްތަކެއް ކުރިއަަށް ގެންގޮސްފައެވެ.