މިދިޔަ އޭޕްރިލް މަހުގައި 114 ކައިވެނި ކޮށްފައިވާއިރު 76 ވަރި ވަނީ ކޮށްފައިވާކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީގެއިތުރުން ފެމެލީ ކޯޓުގައި ވަރީގެ މައްސަލަތަކުގެ ތެރެއިން 133 މައްސަލަ ނުނިމިއެބައޮތެވެ. އަދި މާރޗު މަހުގެ ބާކީހުރި ބައިތަކާއެކު އެމަހުގައި ނިންމި ވަރީގެ އަދަދު 101 އަށް އަރައެވެ. އޭގެތެރެއިން ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހުގައި އެއް މައްސަލަ ހުށަހަޅާފައިވާއިރު މާރޗު މަހާއެކު ދެ މައްސަލައެއް ނިންމާފައިވާކަމަށް ދައްކައެވެ.

އަދި މިދިޔަމަހު ވަރި ސާބިތުކުރުމަށް 55 މައްސަލައެއް ހުށަހަޅާފައިވާއިރު ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 46 މައްސަލައެއް ނިންމާފައި ވެއެވެ. އަދި އޭޕްރިލް މަސް ނިމުނުއިރު، 39 މައްސަލައެއް ނުނިމިއޮތްކަމަށްވެއެވެ.

އޭޕްރިލް މަހުގައި މުޅި ޖުމްލަ 36 މައްސަލަ ހުށަހަޅާފައިވެއެވެ. ކުރީ މަސްތަކުގެ 81 މައްސަލަ ހިމަނައިގެން ޖުމްލަ 117 މައްސަލަ މިދިޔަ މަހުގައިވަނީ ނިންމާފައެވެ. އޭގެތެރެއިން 79 މައްސަލަ ނުނިމި އެބައޮތެވެ.

އޭޕްރިލް މަހުގައި ނިންމައިފައިވާ ކުޑަކުދިންގެ މައްސަލަގެ ތެރޭގައި ދަރިއަކު ބަލައި ބޮޑުކުރުމަށް އެހެން މީހަކަށް ހަވާލުކޮށްގެން ބެލި މައްސަލައެއްވެސް ފެންމަތިވެފައިއެވެ. އަދި ހަޟާނާތުގެ ތިން މައްސަލައެއް މިދިޔަ މަހު ހުށަހެޅުނުއިރު، ކުރީގެ މަހުގެ މައްސަލަތަކާއެކު ފަސް މައްސަލައެއް ނިންމާއި އަދި 12 މައްސަލައެއް ކޯޓުގައި ހިންގަމުން ދެއެވެ.

އޭގެ އިތުރުން ދަރިން ނުދައްކައިގެން ކޯޓަށް ހުށަހެޅި ދެ މައްސަލައެއް އަދިވެސް ނިމިފައެއް ނުވެއެވެ. އަދި ނަސަބު ސާބިތު ކުރުމުގެ މައްސަލައެއް މިދިޔަ މަހު ނިންމާފައެއް ނުވެއެވެ.