ތަރައްޤީގެ މަޝްރޫޢުތަކާއިއެކު ވަޒީފާތަކަށް ގާބިލު މީހުން އުފެއްދުމަކީ މިސަރުކާރުގެ މުހިންމު އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މާލެ ތޮއްޖެހިގެން ދިޔުމުގެ ސަބަބަކީ، ކިތަންމެ ކުޑަ ޚިދުމަތެއް ހޯދަންޖެހުނަސް އަދި ވަޒީފާއެއް ހޯދަން ޖެހުނަސް މާލެއަށް ދާންޖެހޭ ގޮތަށް މީގެ ކުރިން ސިޔާސަތުތައް ބައްޓަންވެފައި އޮތުން ކަމަށެވެ. މިގޮތުން މާލޭގެ ޙާލަތު އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށް އޮތް އެއް ޙައްލަކީ މާލެ ނޫން ސަރަޙައްދެއްގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށެވެ.

ޤައުމު ކުރިޔަށްދާނީ، މިގެނެވޭ ތަރައްޤީއާއި އެކުގައި އުފެދޭ ވަޒީފާތަކަށް އެކަށީގެންވާ މީހުން ބިނާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޒީފާއެއް އާމްދަނީއެއް ނެތި ރަށެއްގައި ދިރި ނޫޅެވޭނެ ކަމަށާއި މާލެއަށް މީހުން ހިޖުރަކުރަންޖެހުނު ސަބަބަކީ އެއީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަރަނބޫދޫގެ އަބާދީގައި ހަތަރުސަތޭކައެއްހައި މީހުން ދިރިއުޅޭއިރު، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން، ދަރަނބޫދޫގެ 36 ދަރިވަރަކު ޑިގްރީ ހާސިލްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ދަރަނބޫދޫއަށް 2018 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ދެވިފައިވާކަން ފާހަގަކުރައްވާ އިތުރަށް ވިދާޅުވީ އަދިވެސް ދަރަނބޫދޫގެ ރައްޔިތުން ބޭނުންވާނެ ކަންކަން ހުންނާނެކަން ފާހަގަކުރައްވައި އެކަންކަން ޙިއްޞާކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.