ބަންގްލަދޭޝްގެ މުހައްމަދު ޝާހީން ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ގައުމުގެ މުހައްމަދު މަސްއޫދުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުންވެސް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެ ނިންމާފައެވެ. މަސްއޫދު ވަނީ އަމިއްލަ ވަކީލަކު ހަމަޖައްސާފައި ކަމަށްވާތީ މަސްއޫދު އެދިފައިވަނީ އާ ވަކީލާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ މަސްއޫދު މި ދައުވާއަށް ޖަވާބުދާރީވުމެވެ. މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމުމާއި، ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި މިއަޑު އެހުމަށް ހާޒިރުވީ ދައުވާ ލިބޭ މަސްއޫދުއަށް ދައުލަތުގެ ފަރާތުން އައްޔަނު ކޮށްދީފައިވާ ވަކީލެވެ. ވަކީލު ވިދާޅުވީ މިހާރު ދައުވާ ލިބޭ ފަރާތުން އޭނާ ތަމްސީލު ކުރުމަށް އަމިއްލައަށް ވަކީލަކު އައްޔަނު ކޮށްފައިވާ ކަމަށެވެ. އަދި ދައުވާއަށް ޖަބާވުދާރީ ވާން އެނގޭނީވެސް ފަހުން އައްޔަނުކުރި ވަކީލަށް ކަމަށެވެ. ނަމަވެސް އެ ވަކީލު އައްޔަނުކުރިކަމުގެ ލިޔުން ކޯޓަށް ލިބިފައެއް ނުވެއެވެ.

ޝަރީއަތުން ސުވާލުކުރުމުން މަސްއޫދު ވަނީ އަމިއްލައަށް އައްޔަނު ކުރި ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު އޭނާއަށް ދީފައެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައިވެސް ދައުވާއަށް ޖަވާބުދާރީވުން ކުރިއަށްގެންދެވިފައެއް ނުވެއެވެ.

މަސްއޫދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2021 ގައެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. އެހެންނަމަވެސް ދީބާނާޒް ހައިކޯޓަށް ބަދަލުވެ ވަޑައިގެންނެވުމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާން އެވެ.