ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރާލިކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ، ވިނަރެސް، ހަސަން ފަވާޒެވެ. މީނާ ހައްޔަރު ކޮށްފައި ވަނީ މާލޭގައި އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުން، މިރޭ 9:00 ހާއިރުއެވެ. މިއީ ތެލެސީމިއާ ލޭއަޅާ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނައީމާގެ މަރާލި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު މަނަދޫން ވަނީ ދެމީހުން ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން ރަށުތެރޭގައި އެމީހުން އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި ނައީމާ މަރާލަން ބޭނުން ކުރި ހަތިޔާރާއި ނައީމާއަށް ހަމަލަދިންއިރު ލައިގެން ތިބި އަންނައުނު އަންދާފައި ވަޅުގަނޑެއް ކޮނެ އެއަށް އަޅައި ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ އެތަކެތިވެސް ހޯދާފައެވެ.

ސީޕީ ހަމީދު ވަނީ މި މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާ ހުރި، އިންސްޕެކްޓަރ މުޙައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މި މަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ނައީމާގެ މަރަށް މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. މިވީ ފަންސާހަކަސް ދުވަސްތެރޭގައި މިއީ މި މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. މަރުގެ ތަހުގީގަށް ގިނަ އަދަދެއްގެ ފޮރެންސިކް ތަޖުރިބާކާރުންނާއި ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށުގެ ގިނަ ބައެއްގެ ޑީ.އެން.އޭ ސާމްޕަލްއާއި އިނގިލީގެ ނިޝާންވެސް ވަނީ ނަގާފައެވެ.