ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލާގައި ރޭ މާލޭން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ނައީމާގެ މަރުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން، ރޭ މާލެއިން ހައްޔަރު ކުރީ މަނަދޫއަށް ނިސްބަތްވާ އެރަށު ވީނަސް، 21 އަހަރުގެ ހަސަން ފަވާޒު ގެ ބަންދު އަމުރު ގައިވާ ގޮތުން ހާދިސާ ހިނގި އިރު އޭނާ ހުރީ މަނަދޫ ގައެވެ.
ނައީމާގެ މަރުގެ މައްސަލާގައި އިތުރު ދެމީހުން ހައްޔަރުކޮށްފައި ވާއިރު އެމީހުން އެރޭ އެރަށުގައި ދުއްވާފައި ވަނީ ފަވާޒުގެ ކާރެކެވެ. ނައީމާ މަރާލިކަމުގެ ތުހުމަތަށް މީގެ ކުރިން ފުލުހުން ހައްޔަރު ކުރީ 23 އަހަރުގެ އަހްޒަމް އަބްދުއްޝަކޫރު، އާއި 20 އަހަރުގެ އަބްދުލްވަހީދު ރިފާޝް އެވެ. މި ދެ މީހުންނަކީވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދާފައި ވަނީ މި މައްސަލައިގައި ހައްޔަރު ކުރި އެކަކު ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
ނައީމާގެ މަރާލި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު މަނަދޫން ވަނީ ދެމީހުން ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން ރަށުތެރޭގައި އެމީހުން އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި ނައީމާ މަރާލަން ބޭނުން ކުރި ހަތިޔާރާއި ނައީމާއަށް ހަމަލަދިން އިރު ލައިގެން ތިބި އަންނައުނު އަންދާފައި ވަޅުގަނޑެއް ކޮނެ އެއަށް އަޅައި ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ އެތަކެތިވެސް ހޯދާފައެވެ.
ސީޕީ ހަމީދު ވަނީ މި މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާ ހުރި، އިންސްޕެކްޓަރ މުޙައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މި މަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.
ނައީމާގެ މަރަށް މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. މިވީ ފަންސާހަކަށް ދުވަސްތެރޭގައި މިއީ މި މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ. މަރުގެ ތަހުގީގަށް ގިނަ އަދަދެއްގެ ފޮރެންސިކް ތަޖުރިބާ ކާރުންނާއި ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށުގެ ގިނަ ބައެއްގެ ޑީ.އެން.އޭ ސާމްޕަލްއާއި އިނގިލީގެ ނިޝާންވެސް ވަނީ ނަގާފައެވެ.