ދަރިމައިވާ ނިސްބަތް ރާއްޖޭގައި އަދިވެސް ދަނީ އަހަރުން އަހަރަށް ދަށްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ސާލިހު މިހެން ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގެ "ފަރޓިލިޓީ ކެއާ ކްލިނިކް" ހުޅުވުމަށް އެ ހޮސްޕިޓަލުގައި މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މުޅި އޭޝިޔާ ސަރަހައްދުގައިވެސް ދަރިމައި ނުވުމަކީ ބޮޑުމައްސަލައެއް ކަމަށެވެ. ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރުވެސް ރާއްޖޭގައި އަހަރުން އަހަރަށް، ދަރިމައިވާ ނިސްބަތް ދަށްވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އައިވީއެފްގެ ހިދުމަތަކީ ނުހަނު އަގުބޮޑު ހިދުމަތަކަށް ވާއިރުވެސް އެ ހިދުމަތަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އަދަދުންވެސް ރާއްޖޭގައި ދަރިމައި ނުވުމުގެ މައްސަލަ ފާހަގަ ވާ ކަމަށެވެ.

"ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު، ދަރިމައިވާ ނިސްބަތް ރާއްޖޭގައި އަދިވެސް ދަނީ އަހަރުން އަހަރަށް ދަށްވަމުން. އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އަދަދުންވެސް އަޅުގަނޑުމެންނަށް އެކަން ފާހަގަ ކުރެވިގެންދޭ،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއިން ބޭރުން މި ފަރުވާ ހޯދަން ދާން ޖެހުމަކީ އެ ފަރުވާ ހޯދާ ދެމަފިރިންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ޓްރީޓޮޕްގައި ހުޅުވި ފާޓިލިޓީ ސެންޓަރުން ދޭ ފަރުވާއަކީ މުޅިން އަލަށް ރާއްޖޭގައި ފަށާ ފަރުވާއެެކެވެ. ރައީސް ވިދާޅުވީ އާ ފަރުވާއަކަށްވިޔަސް މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ފަރުވާއެއް ކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

"ރާއްޖެއިން ބޭރުން މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި، ވަރަށް ބޮޑު ހޭދައެއް ކުރޭ. ވަރަށްބޮޑު ގުރުބާނީއެއް ވޭ. ބައެއްފަހަރު ތިން ލައްކަ، ހަތަރު ލައްކަ ރުފިޔާ ހަރަދުކުރޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން، މި މަރުކަޒާ އެކު، އެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ. އަދި އެތައް ފައިސާއެއް ސަލާމަތްވެސް ކުރެވޭނެ. އަދި ޢާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމެއްވެސް ގެނެސްދޭނެ. މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ތައާރަފް ކުރައްވަން ތައްޔާރަވެވަޑައިގަންނަވަމުން އަންނަ ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތައާރުފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. ރާއްޖޭގައި މިފަދަ ހިދުމަތްތައް ދޭން ފެށުމުން، މިފަދަ ފަރުވާތަކަށް ރާއްޖޭން ބޭރުން ކުރާ އެތައް ހަރަދެއްވެސް ސަލާމަތް ކުރެވޭނެއެވެ. އަދި ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ފައިދާ ކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތަށް، ޕްރައިވެޓް ސެކްޓަރއިން އެއްބާރުލުން ދިނުމުގައި، ޓްރީ ޓޮޕުން މި ދައްކަނީ ވަރަށް ރީތި ނަމޫނާއެއް. އަދި މިއީ ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަކުން ޚިދުމަތް ދިނުމުގެ ވަރަށް ދުރު ވިސްނުމެއް ޓްރީ ޓޮޕުން ގެންގުޅޭ ކަމުގެ ހެއްކެއް." ރައީސް ވިދާޅުވިއެވެ.

ދަރިމައި ނުވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމް ތައާރަފުކުރުމަށްޓަކައި މިފަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭ މައުލޫމާތު، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ މާލީ ނިޒާމަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.