ޏ. ފުވައްމުލަށް އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 86 އިންސައްތަ ނިމި، ސަބް ބޭސް އެޅުމުގެ މަސައްކަތްގެ 92 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މީގެއިތުރުން، ސަބް ގްރޭޑް އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ 66 އިންސައްތަ ނިމިފައިކަމަށާއި، ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27,450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.