ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ ވެރިކަން ކުރެވޭ ވަރަށްވުރެ ހިތްބަލި ބޭފުޅެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދުގެ ގެއަށް އެންމެ ފުރަތަމަ ވަޑައިގަތް ދުވަހު ހުއްޓާނުލާ ކީރިތި ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެގޮތުން ދިވެހިރާއްޖޭގެ އަޑުން އިއްޔެ ގެނެސްދިން "ބާއްޖަވެރި ހެނދުނާ" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މާލެ އަންނަން ޖެހުނީ ކިޔަވާ ވިދާޅުވުމަށް ކަމަށެވެ. އެއިރު އުމުރުފުޅުން 10 އަހަރު ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ ބައްދަލުވީ 1980 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.
މާމާފުޅާއިއެކު މާލެ ވަޑައިގެން އެންމެ ފުރަތަމަ ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެން ގޭގައި ކަމަށާއި، ނަމަވެސް އެގޭގައި ނުހުންނަވަން އެރޭ 12 ޖަހަންދެން ރޮއި ހެއްދެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޭގައި ނުހުންނަވަން ކުރި މަސައްކަތުން ބައްޕަ އެންމެފަހުން އެހެން ގެއަށްކަމަށް ބަދަލު ކުރެއްވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ޅ. ނައިފަރު ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ހަޔާތްޕުޅުގައި އޮތީ މުޅިންވެސް ރުއިންކަމަށާއި އެމަަނިކުފާނަކީ ޤައުމެއްގެ ވެރިކަން ކުރެވޭ ވަރަށް ވުރެ ހިތްބަލި ބޭފުޅެއްކަމަށެވެ.
"އަޅުގަނޑު ނެތިން ރައީސް ޞާލިހުގެ ވާހަކަ ދައްކާކަށް. އެމަނިކުފާނުގެ އެންމެ ތުއްޕުޅު އިރުން ފެށިގެން މިހިސާބަށްވެސް އޮތީ މުޅިން ރުއިން. ކުޑަ އިރުވެސް ރުއީ، ފަޒުނާއާއި، ދިމާވެގެންވެސް ރުއީ، އެކީގައި އުޅެމުންވެސް ރުއީ، ކަމެއް ދިމާވުމުންވެސް ރޮނީ. ރުއިން ނޫންކަމެއްނެތް. ކޮން ވަގުތަކުތޯ ހެވިފައި ހުންނާނީ." އަދުރޭ ވިދާޅުވިއެވެ.