އަހަރުތަކެއް ކުރިން ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި އެރަށެއްގެ ރައްޔިތުން އަމިއްލައަށް ބަލަހައްޓައި ހިންގަމުން ދިޔަ އިންޖީނުގެތައް 'ޕްރޮވިންސް ޔުޓިލިޓީ' ކުންފުނިތަކުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށުނެވެ. އަދި 'ޔުޓިލިޓީ ކުންފުނި'ތަކުގެ މަސައްކަތަކީ ވެރިރަށް މާލެ، މިހާރުގެ މާލެސިޓީ ފިޔަވައި ރާއްޖޭގެ އެހެން ރަށްތަކުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުން ކަމުގައި ހަމަޖެހިގެންދިޔައެވެ.

އެހެން ނަމަވެސް ޕްރޮވިންސް ޔުޓިލިޓީ އެތައް ކުންފުންޏެއް ވަކިވަކިން ހިންގުމުގެ ދަތި އަދި ބޮޑު ބުރައަށް ހައްލެއް ގެނައުމަށް ދެ ކުންފުންޏެއްގެ ދަށުން، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތް ދޭ ގޮތަށް ހަމަޖެހުނެވެ. ގްރޭޓާ މާލޭ ކަރަންޓްގެ އިތުރުން ސްޓެލްކޯގެ މެންޑޭޓުގައި ހިމެނޭ ރަށްތައް ފިޔަަވައި އެހެން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް، 18 ޖޫން 2012 ގައި ވުޖޫދަށް އައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހާއްސަކޯޕަރޭޝަނެކެވެ. މިއަދު ހިދުމަތަށް އެގާރަ އަހަރު ވެފައިވާ "ފެނަކަ ކޯޕަރޭޝަން" އުފެދިގެން އައިސް އެތައް ގިނަ ރަށްތަކެއްގެ ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ސީދާކޮށްދިނެވެ.

އެތައް އަހަރަކުއްސުރެ ރަށްރަށުގެ ރައްޔިތުން ކަރަންޓާއި ފެނާއި ނަރުދަމާގެ ކަންތައްތަކުގައި އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް އައެވެ. ރަށްރަށުގެ ރައްޔިތުންގެ ދަތިދިރިއުޅުންތަކަށް އުފާވެރިކަން ގެނައުމަށް އަތުކުރި އޮޅާލައިގެން ހިންދެމިލާފައި ތެދުވި ފެނަކަ ކޯޕަރޭޝަނުން އަންނަނީ ދުވަހެއް ދުވަހަކަށް ކަންތައްތަކުގައި ކުރިއެރުމާއި ކާމިޔާބު ހޯދަމުންނެވެ. ރަށްރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ހާއްސަވި ފެ (ފެން) ނަ (ނަރުދަމާ) ކަ (ކަރަންޓު) ކޯޕަރޭޝަނުން އަމިއްލަ ފައިދާއާއި ނަފާވެރިކަމަށްވުރެ ރައްޔިތުމީހާގެ ހަމަޖެހުމާއި ފަސޭހަތަކަށް އިސްކަންދޭކަން ޔަގީން ކުރެވޭވަރަށް، އެކޯޕަރޭޝަނުން އަންނަނީ ހިދުމަތް ދެމުންނެވެ.

ތަފާތު އެކި ޕްލޭންތައް ދިމާވަމުންދާ ގޮންޖެހުންތަކާއި ދަތި ހުރަސްތަކާއެކު ވެސް ހިތްވަރާއެކު ހިންގުންތެރިކަމާއެކު ކާމިޔާބު ކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން މި ނިމުނު 2022 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ވަނީ ރައްޔިތުންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ހިދުމަތެއް ތައާރަފްކޮށްފައެވެ.

ގަޑިއަކު ހަތްދިހަފަސް ކަރަންޓު މީޓަރު ޓެސްޓު ކުރެވޭ މި ހިދުމަތަކީ އަވަހަށް ކަރަންޓު މީޓަރު ޓެސްޓު ކުރުމަށް އެންމެ އެދެވޭ އެއް ފިޔަވަޅެވެ. ހަމައެކަނި މާލޭގައި ފެށި މި ހިދުމަތް ރާއްޖޭގެ ރަށްތަކަށްވެސް ފޯރުކޮށް ދިނުމުގެ ގޮތުން ފެނަކައިން ވަނީ މަސައްކަތް ފަށާފައެވެ. ގިނަ ފަރާތްތަކަށް ފަސޭހަ ވާނެހެން، ކުރިން ހަތް ވަރަކަށް ދުވަސް ތެރޭގައި ޓެސްޓު ކުރެވޭ މޯޓަރު މިހާރު މަދު ގަޑި އިރެއްގެ ތެރޭގައި އަތަށް ލިބިގެންދެއެވެ.

މާލެސިޓީގައި ފެށި މި މަޝްރޫއު މިހާރު ވަނީ ދާލު އަތޮލާއި، ފާފު އަތޮލާއި އަދި ފުވައްމުލަކު އަތޮޅަށް ތައާރަފް ކުރުމުގެ މަސައްކަތް ފަށާފައެވެ. މި ރަށް ރަށުގެ މަސައްކަތުގެ އިތުރުން އެހެނިހެން ރަށް ރަށުގެ މަސައްކަތް ވެސް އޭޕްރިލް 2024 އަށް ނިމޭނެ ކަމުގެ ޔަގީންކަން ފެނައިން ވަނީ ދީފައެވެ. އަބަދުވެސް ރައްޔިތުންގެ ބޮޑު ޝަކުވާއަކީ ކަރަންޓުބިލު ބޮޑުވުމެވެ. މި ކަންބޮޑުވުމަކަށް ހައްލެއް ގެނައުމަށް ފެނަކަ އިން ވަނީ ސްޓެލްކޯއިން މީޓަރު ޓެސްޓު ކުރަމުން ދާ ހަމައިން އެކޯޕަރޭޝަނުގެ މީޓަރު ޓެސްޓު ކުރަން ނިންމާފައެވެ.

250 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައި ކުރިއަށް ގެންދާ މި ހިދުމަތް މިހާރު ގާއިމުކުރަމުންދާ އަަދި އަލަށް ހުޅުވާފައިވާ ކޮންމެ އިންޖީނުގެއަކުން ވެސް މަދުވެގެން 50 އަހަރަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ. ފެނަކައިން މުޅިއެކު ޖުމްލަ 150 އިންޖީނުގެ ގާއިމު ކުރެވިފައި ވާއިރު، ސްމާޓް މީޓަރުވެސް މިހާރު މި ވަނީ ގާއިމު ކުރެވިފައެވެ.

ފެނަކައިން ދުވަހެއް ދުވަހަކަށް ކުރަމުން އަންނަ މަސައްކަތަކީ އަމިއްލަ ފައިދާއާއި ނަފާވެރިކަން އެއްފަރާތްކޮށްފައި، އެކަމެއްގައި ރައްޔިތުންގެ ލާބައާއި މަންފާ އޮތް ކޮންމެ ހިދުމަތެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އަވަސް ވުމެވެ. ރައްޔިތުންގެ ކުރިއެރުމާއި ހަމަޖެހުމަކީ ފެނަކައިގެ ތަރައްގީއާއި ކާމިޔާބެވެ. ފެނަކައިގެ ތަރައްގީއާއި ކާމިޔާބަކީވެސް ރައްޔިތުންގެ ކުރިއެރުމާއި ހަމަޖެހުމެވެ.