ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދިނުމުގެ ސަބަބުން މަރުގެ ހުކުމުގެ ބަދަލުގައި ގާނޫނީއަދަބެއް ދިނުމަށް ކަނޑައަޅާފައިވާއިރު މިރުޒާ މަރާލިކަމަށް ވ. ފަރީލާމަންޒިލް މުހައްމަދު ޝިފާއު އަށް 17އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފިއެވެ.

މިރުޒާގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން، 4 އޭޕްރީލް 2017 ގައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ވާރިސުންގެ ބަހާއެކު ނަޒީފާއި ޝިފާއުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ. ހައިކޯޓުން ނަޒީފުގެ މައްޗަށް ކުރި މިހުކުމަށް ތާއީދު ކުރުމުން އޭނާގެ ފަރާތުން ސުޕްރީމްކޯޓުގައި މައްސަލަ އިސްތިއުނާފް ކުރިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، މިރުޒާގެ ވާރިސުންގެ ފަރާތުން، ނަޒީފަށް މާފު ކުރިކަމަށް މިރުޒާގެ ބައްޕަ ބުނެފައިވާ ސިޓީއަކާއި ގުޅިގެން ސުޕްރީމް ކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އަދި އެއަޑުއެހުމަށް މިރުޒާގެ ވާރިސުން ހާޒިރު ކޮށްފައިވެއެވެ.

މިރުޒާގެ ބައްޕަ ކޯޓުގައި ބުނީ އެގޮތަށް ނިންމީ އިލްމުވެރިންގެ ލަފާވެސް ހޯދާފައި ކަމަށެވެ. އަދި ނަޒީފް މާފަށް އެދުނުކަންވެސް މިޒުރާގެ ބައްޕަ ވަނީ ހިއްސާކޮށްފައެވެ. ހަމައެއާއެކު މިރުޒާގެ ބައްޕަ ބުނެފައިވަނީ ނަޒީފު މާފަށް އެދޭނީ އޭނާ ކުރި ކަމަކަށް ވުމުގައިކަން ޤަބޫލު ކުރެވޭކަމަށެވެ.

މިރުޒާގެ ބައްޕަގެ މިވާހަކައަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ނަޒީފް މިހާތަނަށްވެސް ދައުވާއަށް އިންކާރު ކުރަމުން އަންނައިރު، އޭނާ އިއުތިރާފުވީތޯ ސުވާލު ކޮށްފައެވެ.

އެ އަޑުއެހުމުގައި ނަޒީފު އާއި އޭނާގެ ވަކީލުން ވަނީ ނަޒީފު މިރުޒާ މަރާލުމުގައި ބައިވެރިވިކަމަށް އެއްބަސްވާކަމަށް ބުނެފައެވެ. ނަމަވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ. ނަމަވެސް، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ ގާނޫނީ އަދަބެއް ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންނަށް މިރުޒާގެ ބައްޕަ މާފު ދީފައިވާތީ ދަށު ކޯޓުން ކުރި މަރުގެ ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ހައިކޯޓުން ވަނީ ނިންމާފައެވެ. މިނިންމުމުގައި އޭނާ 17 އަހަރަށް ޖަލަަށްލާން ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން މިރުޒާ އަށް ހަމަލާދިނީ 2011 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާއި ގުޅިގެން، މިރުޒާގެ ސިކުނޑި މަރުވިއިރު، އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި ބާއްވާފައި އޮއްވާ މިރުޒާ މަރުވީ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.